23 Dec 2010, 11:41
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝައިހު މުހައްމަދު ޝަހީމު އަލީ ސައީދު އިސްތިއުފާ ދެއްވައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލު މިއަދު ވިދާޅުވީ "ޝަހީމު އިސްތިއުފާ ދެއްވިކަން ކަށަވަރުވެފައިވާ" ކަމަށާއި ނަމަވެސް ސަބަބު ނޭނގޭ ކަމަށެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލްބާރީ ވިދާޅުވީ ޝަހީމު އިސްތިއުފާ ދެއްވީ އޭނާ އަރިހުގައި ވިދާޅުވެފައި ކަމަށާއި ނަމަވެސް ޝަހީމުގެ އިސްތިއުފާއާ ގުޅިގެން އޭނާ އިސްތިއުފާ ދެއްވުމަށް ބޭނުންފުޅުނުވާ ކަމަށެވެ.
ޝަހީމު އިސްތިއުފާ ދެއްވީ، އަރަބިއްޔާ ސްކޫލުގެ މައްސަލާގައި އެ ސްކުލޫގެ ބެލެނިވެރިން ރައީސް އޮފީސް ކުރިމަތީގައި މުޒާހަރާކޮށް، އަދި އެ މުޒާހަރާ "ހަރުކަށިގޮތަކަށް" ފުލުހުން ރޫޅާލިތާ މާގިނައިރެއް ނުވަނީހެވެ.
ނަމަވެސް ޝަހީމު އިސްތިއުފާ ދެއްވީ ކީއްވެގެން ކަން އަދި އޭނާ ވަނީ މީޑިއާގައި ހާމަނުކޮށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު ދެންމެ ވިދާޅުވީ ސްޓޭޓް މިނިސްޓަރު ރައީސް އަރިހަށް ފޮނުއްވާފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމަށާއި ނަމަވެސް ރައީސް ރަށުގައި ނޫޅުއްވާތީ ސިޓީގައި އޮތީ ކޯއްޗެއްކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އިސްޒުރޭލުގެ ޑޮކްޓަރުންނާ ދެކޮޅަށް މިދިޔަ ހުކުރު ދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ޝަހީމު ވިދާޅުވީ ސަރުކާރުގެ ލާދީނީ ސިޔާސަތުތަކާ ދެކޮޅު ހެދުމަށް ކުރަމުންދާ މުޒާހަރާތަކުގައި ދެމިހުންނަވާނެ ކަމަށާއި މަގާމުން ވަކި ކުރިއަސް، ސަރުކާރުގެ ލާދީނީ ސިޔާސަތުތަކާ ދެކޮޅަށް ތެދުވާނެ ކަމަށެވެ.