އައްޑު އަތޮޅުގައި ހަދާފައިވާ ހެރެތެރެ އައިލެންޑް ރިސޯޓް، 33.3 މިލިޔަން ޔޫއެސް ޑޮލަރަށް ސިންގަޕޫރުގެ ކުންފުންޏަކަށް ވިއްކާލައިފި އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން (އެމްޓީޑީސީ) އިން ހަދާފައިވާ ރިސޯޓް، 33,333,333 ޔޫއެސް ޑޮލަރު (514 މިލިއަން ރުފިޔާ) އަށް މިއަދު ވިއްކާލާފައި ވަނީ، ސިންގަޕޫރުގެ ކޭނަރީޒްސް ޕްރައިވެޓް ލިމިޓެޑަށެވެ.

އެމްޓީޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ކުންފުނީގެ ބޯޑުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު ނިންމާފައިވާ ގޮތުގެ މަތިން 18 ޑިސެމްބަރު 2013ގައި ހެރެތެރެ ވިއްކާލުމަށް ކޮށްފައިވާ އިއުލާނާ ގުޅިގެން ހަތަރު ފަރާތަކުން ބިޑް ހުށަހެޅި ކަމަށާއި އެގޮތުން އެންމެ ބޮޑު އަގެއް ހުށަހަޅާފައި ވަނީ، ކޭނަރީޒްސް ޕްރައިވެޓް ލިމިޓެޑުން ކަމަށެވެ.

އެމްޓީޑީސީ އިން އައްޑޫގައި ހަދާފައިވާ ހެރެތެރެ ހެދުމަށް 55 މިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. އަދި ރިސޯޓު ތަރައްގީ ކުރުމަށް ގައުމީ ބޭންކު (ބީއެމްއެލް) އިން 25 މިލިޔަން ޑޮލަރުގެ ލޯނެއް ނަގައި އެ ނުދައްކައިގެން ބޭންކުން ވަނީ ދައުވާ ކޮށްފަ އެވެ.

ކުންފުނީގެ ހިއްސާދާރުންނަށް މައުލޫމާތު ހިއްސާކުރުމަށް އެމްޓީޑީސީ އިން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ބީއެމްއެލް އަށް ދައްކަން ޖެހޭ ލޯނު މިހާރު އެއްކޮށް ދައްކައި ހަލާސްކުރެވިފައިވާ ކަމަށެވެ.