ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި، ސުޓެލްކޯއިން ސޭލްސް ސެންޓަރެއް ހުޅުވައިފިއެވެ.

ސްޓެލްކޯ އިމާރާތުގައި ކުރިން ހުރި އޭޓީއެމް އާއި އިންވެގެން ހުޅުވި އެ ސޭލްސް ސެންޓާ ހުޅުވައިދެއްވީ ސްޓެލްކޯގެ ޗެއާމަން މުހައްމަދު އަފީފް ހަސަން އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގްނީ ވިދާޅުވީ އެ ކުންފުނިން އިސްކަންދެނީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށާއި އެގޮތުން މިއަދު ހުޅުވި ސޭލްސް ސެންޓަރުން ކަރަންޓާއި ގުޅުން ހުރި މުދާ ހެޔޮ އަގުގައި ލިބިގެންދާނެ ކަމަށެވެ.

"ކަރަންޓާ ގުޅުން ހުރި ގިނަ މުދާ މި ސޭލްސް ސެންޓަރުން ލިބިގެންދާނެ، އަދި ހަމަ އެއާ އެކު އިންޖިނިއަރުންގެ އިތުބާރު ލިބިފައިވާ ތަކެތި މިތަނުން ލިބިގެންދާނެ" މުގްނީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވަރަށް އަވަސް މުސްތަގުބަލެއްގައި އެކުންފުނިން ސާވިސް ސެންޓަރެއް ވެސް ހުޅުވުމަށް ނިންމާފައިވާ ކަމަށެވެ. އަދި ސާވިސް ސެންޓަރުން ކަރަންޓާއި ގުޅުންހުރި ތަފާތު ތަކެތި މަރާމާތު ކުރެވޭނެ ކަމަށް ވިދާޅުވިއެވެ.