ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާއާއި 18 ވަނަ ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އަބްދުލް ލަތީފް މުހައްމަދު ސަރުކާރު ހިންގާ ޕީޕީއެމް އަށް ސޮއި ކުރައްވައިފި އެވެ. އެ ދެ ބޭފުޅުން ޕީޕީއެމް އަށް ސޮއި ކުރެއްވީ މިއަދު މެންދުރުފަހު ނަސަންދުރާ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް އަނެއްކާވެސް އިންތިހާބުވި މުސްތަފާ އާއި ދިއްދޫ ދާއިރާގެ ގޮނޑިއަށް އިންތިހާބުވި ލަތީފު ޕީޕީއެމަށް ސޮއި ކުރެއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްޑީޕީގެ ޓިކެޓްގައި ތިމަރަފުށީ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މުސްތަފާ ޕީޕީއެމް އަށް ސޮއި ކުރެއްވުމަށްފަހު ވިދާޅުވީ އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ އެމްޑީޕީއަށް ލިބިފައިވާ މަދު ގޮނޑިކޮޅަކާ އެކު ރައްޔިތުންނަށް ކަމެއްނުވާ ގޮތަކަށް މަސައްކަތްކުރައްވަން ބޭނުން ނުވާތީ ކަމަށެވެ.

"އަޅުގަނޑު މި ނިންމުން ނިންމީ ގައުމުގެ ހައްގުގައި. އަޅުގަނޑުގެ ދާއިރާގެ ރައްޔިތުންގެ ހައްގުގަ. ދާއިރާގެ ރައްޔިތުން ބޭނުމެއް ނުވޭ އަޅުގަނޑު ކުރިން ހުރި ޕާޓީގައި، އެމްޑީޕީގައި މަދު މެންބަރުން ކޮޅަކައިގެން އެތާ އިނދެގެން ރައްޔިތުންނަށް ކަމެއް ނުވާ ގޮތަކަށް ރައްޔިތުން ކުރިމަތީ އަގު ވެއްޓޭ ގޮތަކަށް އެތާގައި ވާހަކަ ދައްކަން އިންނާކަށް،" މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ އޭނާގެ ދާއިރާއަށް "ތަރައްގީ އަންނަތަން ދައްކާނެ" ކަމަށާއި އެ ދާއިރާގެ މަޝްރޫއުތައް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އެގޮތުން ތިމަރަފުށީގެ އެއާޕޯޓު ތަރައްގީ ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް މުސްތަފާ ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. "ރައީސަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މަނިކުފާނުގެ މި ސަރުކާރު ދިފާއު ކުރުމަށްޓަކައި ހުއްޓެންޖެހުން ކޮންމެ ތަނެއްގައި ހުއްޓޭނަމޭ. އަޅުގަނޑު ކުރިމަތިލާން ޖެހުނު ކޮންމެ ކަމަކާ ކުރިމަތިލާނަމޭ. އެކަމަކަށް ޝައްކެއްވެސްނެތް. އަޅުގަނޑުގެ އިހްލާސްތެރިކަން އަދާކުރާނީ އެއް ޖީބަކުން ނޫން ހަތަރުޖީބުން، " މުސްތަފާ ވިދާޅުވި އެވެ.

ދިއްދޫ ދާއިރާ އަށް އަމިއްލަގޮތުން އިންތިޚާބުވެވަޑައިގެންނެވި ލަތީފް ވިދާޅުވީ ދިއްދޫ ދާއިރާގެ ރައްޔިތުންނަކީ އަބަދުވެސް އެއިރެއްގައި އޮންނަ ސަރުކާރަކާ ގުޅިގެން މަސައްކަތްކުރާ ބައެއް ކަމަށާއި ޕީޕީއެމާ ގުޅިވަޑައިގަތީ ސަރުކާރާއި ގުޅިގެން ދާއިރާއަށް ތަރައްގީ ގެނެސްދޭން ބޭނުންވާތީ ކަމަށެވެ.

އެ ހަފްލާގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާނެ ޕީޕީއެމްގެ މެމްބަރުންގެ އަދަދު 37 އަށް އެރުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މަޖިލީހުން ނިންމަން ޖެހޭ ކަންކަން ނިންމުމުގައި ސަރުކާރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

މިއަދު ސޮއި ކުރެއްވި ދެ މެންބަރުންނާއި އެކު 18 ވަނަ ރައްޔިތުންގެ މަޖިލީސް ފެށޭއިރު، ސަރުކާރު ހިންގާ ކޯލިޝަންގައި 57 މެންބަރުން ތިއްބަވާނެ އެވެ. އެއީ މަޖިލީހުގެ ތިންބައި ކުޅަ ދެ ބައިގެ އަޣުލަބިއްޔަތެވެ.