އަންނަ މޭ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕްގެ މެޗުތައް ކުޅޭ ގަލޮޅު ދަނޑާއި އައްޑޫ ހިދަތޫ ޒޯން ސްޓޭޑިއަމް އަޕްގުރޭޑް ކުރުމުގެ 90 ޕަސެންޓު މަސައްކަތް ނިމިފައިވާކަމަށް އަމީން ކޮންސްޓްރަކްޝަން ކުންފުނިން މިއަދު ބުނެފި އެވެ.

ދެ ދަނޑު އަޕްގުރޭޑް ކުރަން ހަވާލުވެފައިވާ އަމީން ކޮންސްޓްރަކްޝަންގެ އޮޕަރޭޝަން މެނޭޖާ މުހައްމަދު ސާޖިދު ވިދާޅުވީ ދެދަނޑުގެ މަސައްކަތް ވެސް 90 ޕަސެންޓު ނިމިފައިވާ ކަމަށެވެ.

"ގަލޮޅު ދަނޑުގައި މިހާރު ކުރިއަށް ދަނީ ކުލަ ލުމާއި ޓައިލްސް ޖެހުމާއި ވައިރު ކުރުމުގެ މަސައްކަތް. މަސައްކަތުގެ ބޮޑުބައި މިހާރު ވަނީ ނިންމާލެވިފަ. އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ގަލޮޅު ދަނޑުގެ މަސައްކަތް ނިންމާލެވޭނެ." ސާޖިދު ވިދާޅުވިއެވެ.

ސާޖިދު ވިދާޅުވީ، ހިތަދޫ ޒޯން ސްޓޭޑިއަމްގެ ސިޑިބަރީގެ މަސައްކަތް ނިންމައި، އެތަނުގެ ފުރާޅު ހިޔާ ކުރުމުގެ މަސައްކަތް ފަށާފައި ވާކަމަށާއި މަސައްކަތުގެ ރޭޓަށް ބަލާއިރު، މަސައްކަތް ނިންމަންޖެހޭ އެންމެ ފަހު ދުވަހަށް މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަސް މިހާރު އެބޮތް ކަމަށެވެ.

"މަސައްކަތް ހަމަ ފުލް ގިއަރުގައި ކުރިއަށް މި ދަނީ. އެހެންވީމާ އެޕްރީލްގެ ތެރޭގައި އައްޑޫ ސްޓޭޑިއަމްގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ،" ސާޖިދު ވިދާޅުވިއެވެ.

މި މުބާރާތުގެ މެޗުތައް ކުޅޭ ދެ ދަނޑުގެ މަސައްކަތް ތަރައްގީ ކުރުމަށް ޔޫތު މިނިސްޓްރީން، އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 71.5 މިލިއަން ރުފިޔާ އަށެވެ.

ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ހުރި، ސިޑިބަރި ދެ ފަރާތުން ބޮޑުކޮށް، ސިޑިބަރީގެ ދަށުގައި އެކިއެކި ކަންކަމަށް ބޭނުން ކުރާނެ ރޫމްތައް ހަދާނެ އެވެ. އަދި އެތަނުގެ ދަނޑުގެ ލައިޓިން ސިސްޓަމް ވެސް ވަރުގަދަ ކުރަން ވަނީ ނިންމައިފަ އެވެ.

ގަލޮޅު ދަނޑު ތައްޔާރުކޮށް ނިމޭއިރު އެތަނުގައި މެޗު ކޮމިޝަނަރާއި ރެފްރީން ތިބޭނޭ ތަނަކާއި، ޕްރެސް ރޫމެއްގެ އިތުރުން މީޑިޔާ ތަކަށް ހާއްސަކުރެވިގެން ރޫމްތަކެއް ތައްޔާރު ކުރެވޭނެ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭނެ އެވެ.