މާލޭގައި ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި މީހަކު ފަސް އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އެ ހުކުމް ކޮށްފައި ވަނީ ހ. ރޯޒަންޑޭލް ޝިފާން ޒުފްރަތުގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަންހާއިރު ޝިފާން ޒުފްރަތު އިތުރު ބަޔަކާ އެކު ޖުވޭސް ކެފެ ކައިރީ ހުރި ގޯޅިގަނޑެއްގެ ތެރޭއަށް ގޮސް އެތަނުގައި އެވަގުތު ތިބި މީހުންގެ ތެރެއިން 21 އަހަރުގެ ޒުވާނެއްގެ ގައިގައި އޮޅުލައި އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ.

އެ ޒުވާނާ ބިންމައްޗަށް ވައްޓާލުމަށްފަހު އޭނާގެ ކޮނޑަށް ޝިފާން ޒުފްރަތު ވަޅިހަރާފައިވާކަން ހެކީންގެ ހެކިބަހުން އެނގެން އޮންނައިރު، އެ ޒުވާނާގެ މެޑިކޯ ލީގަލް ރިޕޯޓަށް ބެލިއިރު އޭނާ އަށް އަނިޔާ ލިބިފައިވާކަން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

އޭނާގެ މައްޗަށް އެ ހުކުމް ކޮށްފައި ވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ.

".... ހެކީންގެ ހެކިބަހާއި ގުޅިފައިވާ ގަރީނާތަކުގެ މައްޗަށް ރިއާޔަތްކޮށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނުއެއްޗިހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ނ) އާ ހަވާލާދީ، ތޫނުއެއްޗަކުން މީހެއްގެ ހަށިގަނޑަށް ގެއްލުންދިނުމުގެ ކުށުން ޝިފާން ޒުފްރަތު ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި މިކުށުގެ އުގޫބާތެއްގެ ގޮތުން ބުނެވިދިޔަ ގާނޫނުގެ ދެވަނަ މާއްދާގެ (ބ) ގެ ދަށުން ތިން އަހަރު ދުވަސް، އަދި އެ މާއްދާގެ (ޅ) ގެ ދަށުން ދެ އަހަރު ދުވަސް، އެކު ޖުމްލަ ފަސް އަހަރު ދުވަހުގެ މުއްދަތަށް ޝިފާން ޒުފްރަތު ޖަލަށްލުމަށް ހުކުމްކޮށް މިގަޒިއްޔާ ނިންމީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވެއެވެ.