ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ތަސްދީގު ނުކުރައްވައި މަޖިލީހުން އަލުން ވިސްނުމަށް ފޮނުވާލެއްވި ޖިންސީ ކުށުގެ ބިލް އިތުރަށް ދިރާސާ ކުރުމަށް ކޮމެޓީ އަށް ފޮނުވައިފި އެވެ.

ޖިންސީ ކުށުގެ ބިލް އަނބުރާ ކޮމެޓީ އަށް ފޮނުވުމަށް ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 45 މެންބަރުންގެ އިއްތިފާގުންނެނެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 30 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ޖިންސީ ކުށުގެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ މަޖިލީހަށް ފޮނުވާލާފައި ވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހު އެވެ.

އެ ބިލާ ގުޅޭ ގޮތުން ރައީސް ޔާމީން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ފޮނުއްވި ސިޓީފުޅުގައި، އެ ބިލަށް އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ތަފުސީލުކޮށް ބައްލަވާލައްވާފައިވެ އެވެ.

އެ ބިލުގައި އިސްލާމީ ޝަރީއަތާއި، އިސްލާމީ އުސޫލުތަކާ ޚިލާފު ބައެއް ކަންކަން ހިމެނޭތީ، އެއީ ވެސް ބިލް އަނބުރާ ފޮނުއްވައިލެއްވުމުގައި ރިއާޔަތް ކުރެއްވި ސަބަބުތަކުގެ ތެރެއިން ސަބަބެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

ޖުމްލަ 69 މާއްދާގެ މައްޗަށް އެކުލެވިގެންވާ އެ ބިލަކީ ބޮޑެތި މީހުންނަށް ޖިންސީ އަނިޔާ ކުރާ ފަރާތްތަކަށް އެކަށީގެންވާ އަދަބު ދިނުމުގެ މަގުސަތުގައި ފާސްކޮށްފައިވާ ބިލެކެވެ.

މަސާޖު ޕާލާގެ ނަމުގައި ހަށިވިއްކާ ތަންތަން ހިންގުން ރާއްޖޭގައި އާންމުވެފައި ވާތީ އެފަދަ ކުށްތައް ކުރާ މީހުންނަށް ހަރުކަށި އަދަބު ލިބޭނެ ކަމަށް އެ ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުން ރާއްޖޭގައި އިންތިހާ ދަރަޖައަށް އިތުރުވުމާ ގުޅިގެން އެކަމާ ގުޅޭ ބިލެއް ވެސް ނަޝީދު މަޖިލީހަށް ހުށަހެޅުއްވި އެވެ. ދެހާސް ނުވަ ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލު ކުރުމުގެ ގާނޫނުގެ ދަށުން އެފަދަ އަމަލުތައް ހިންގާ މީހުން ދިގު މުއްދަތަކަށް ޖަލަށްލާން ކޯޓުތަކުން ހުކުމް ކޮށްފައިވެ އެވެ.