އަންނަ އަހަރަށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ދެފުށް ނުފެންނަ އަދި ގަނޑުކޮށް ފައިސާ ޖަހާފައިވާ ބަޖެޓެއް ކަމަށް ބުނެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީން ވެސް ބަޖެޓަށް ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.


ޑީއާރުޕީގެ މައި އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ޕާޓީގެ އެއް ނާއިބު ލީޑަރު އިބްރާހީމް ޝަރީފު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބަޖެޓަކީ މާލިއްޔަތު ޤާނޫނާ ހިލާފަށް ހުށަހެޅި ބަޖެޓެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ މާލިއްޔަތު ޤާނޫނުގައިވާ ގޮތުން ސަރުކާރުން ހަރަދެއްކުރާ ނަމަ އެ ހަރަދެއްގެ ތަފުސީލު ފުރިހަމަ އަށް ހުޅަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް 2011 ވަނަ އަހަރުގެ ބަޖެޓަކީ "ޕްރޮގްރާމް ބަޖެޓެއް" ކަމަށް ސަރުކާރުން ބުނާ އިރު އެ ބަޖެޓްގައި އެއްވެސް ހަރަދެއްގެ ތަފްސީލު ހިމަނާފައިނު ވާކަމަށެވެ.


"މާލިއްޔަތު ޤާނޫނު ލާޒިމް ކުރޭ ސަރުކާރުން ބަޖެޓުން ހަރަދުކުރަން ގަސްތުކުރަނީ ކިހާ މިންވަރަކަށް ކިހިނެއްކަން، ކިހާ މިންވަރަކަށް އެނގެން. މިހާރު އެހެން އެނގޭ ކަށެއް ނެތް،" ޝަރީފު ވިދާޅުވި އެވެ. "ރައީސް ނަޝީދު ވިދާޅުވި މައުމޫނުގެ ދުވަސްވަރުގައި ބަޖެޓު ހުށަހެޅިފައި އޮތީ މުހައްމަދު ތަކުރުފާނުގެ ދުވަސްވަރު ހުށަހަޅާ ކަހަލަ ބަޖެޓެކޭ. އަޅުގަނޑު ހީކުރީ[ ރައީސް ނަޝީދު] ހުށަހަޅުއްވާނީ ނަތީޖާ ނެރެވޭ ފަދަ ބަޖެޓެއް ކަމަށް. އެއްގޮތަކަށް ވެސް ޖުމްލަ އަދަދުތަކެއް ގަނޑުކޮށް ޖައްސަވާނެ ކަމަކަށް އަޅުގަނޑު ހިޔެއް ނުކުރަން. އަޅުގަނޑު ހިތަށް އަރާ ދިވެހި ރާއްޖޭގެ ރައްޔިތުންނަކީ ހަމަ މަރުމޯލުން ކަމަށް އެ ބޭފުޅުން ދެކިވަޑައިގަންވަނީ ބާއޭ،"


ޝަރީފު ވިދާޅުވީ ބަޖެޓް ދިރާސާ ކުރުމަށް ކޮމެޓީ އަށް ލިބިފައި ވަނީ ވަރަށް ކުރު މުއްދަތެއް ކަމަށާއި އެހެން ކަމާ އެކު އެކަށީގެންވާ ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ.


"އެނގިވަޑައިގަންނަވާނެ ވަރަށް ކުޑަ މުއްދަތެއް މިވަނީ ލިބިފައި. އެހެންކަމުން އެންމެ އެކަށީގެންވާ މިންވަރަކަށް ބަޖެޓު އިސްލާހު ކުރެވޭނެ ކަމަށް ނުފެނޭ،" ޝަރީފް ވިދާޅުވި އެވެ.


ސަރުކާރުން ބަޖެޓު ރާވާފައިވާ ގޮތުން ޑެފިސިޓު ވަރަށް ބޮޑުތަނެއް ބޮޑުވާނެ ކަމަށާއި ބަޖެޓު ހުށަހެޅިފައިވާ ގޮތުން ރައްޔިތުން ގިނަ އަދަދަކަށް "އިން ޑައިރެކްޓް ޓެކްސް" [ނުސީދާ ގޮތުގައި ޓެކްސް] ނަގަން ހުށަހަޅާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި މިއަންނަ އަހަރަކީ މި އަހަރަށް ވުރެ 35 ޕަސްންޓާއި 45 ޕަސަންޓާ ދޭތެރޭގައި މީހުން ފަގީރުވާނެ އަހަރެއް ކަމަށް ބަޖެޓް އަންދާސާތަކުން ދައްކާކަމުގައި ވެސް އޭނާ ވިދާޅުވި އެވެ.


"އިންޑައިރެކްޓް ޓެކްސޭޝަނޭ މިދަންނަވަނީ، ކަސްޓަމުން ނެގޭ ޑިއުޓީ އެތައް ގުނައެއް އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައި. މިދިޔަ އަހަރާއި 2010 ވަނަ އަހަރު އިމްޕޯޓު ޑިއުޓީ ފުރަތަމަ ފަހަރަށް އިތުރުވެފައި ވިއަސް އިމްޕޯޓު ކުރެވުނު ތަކެތީގެ ކުއެންޓިޓީ [އަދަދު] ވަރަށް ބޮޑަށް ދަށަށް ގޮސްފައި ވަނީ. އެހެން މިވާންޖެހެނީ ދިވެހި ވިޔަފާރިވެރިން ވެސް ފަގީރުވަނީ ރައްޔިތުން އަތުން ތަކެތި ގަތުމުގެ ބާރު ވެސް ކުޑަވެގެން ދަނީ. މިހެންކަމުން ތަކެތީގެ އަގުވަރަށް ބޮޑަށް ބޮޑުވަނީ." ޝަރީފް ވިދާޅުވި އެވެ.


ޑީއާރުޕީން ބަޖެޓަށް ފާޑު ކިޔިއިރު މިއަދު ބަޖެޓް ކޮމެޓީން އެ ޕާޓީއާ އެކު ކޯލިޝަން ހަދާފައިވާ ޕީއޭ ބޮއިކަޓްކޮށް ނުކުތީ ބަޖެޓް ރިޕޯޓް ތައްޔާރުކުރުމުގައި ޑީއާރުޕީން ސަރުކާރު ބޭނުންވާ ގޮތަށް މާ ބޮޑަށް ދޫދޭ ކަމަށް ބުނެ އެވެ.


ޑީއާރުޕީގެ ތުހުމަތުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު ވިދާޅުވީ ޑީއާރުޕީގެ ބަސް އޮންނާނީ ޑީއާރުޕީއަށް ކަމަށެވެ.


"އެބޭފުޅުންގެ އޮޕީނިއަން އޮންނާނީ އެބޭފުޅުންނަށް ދެއްތޯ. މިއީ އަޅުގަނޑު ދަންނަވަން އޮތް އެއްޗަކީ." އައްސަދު ވިދަޅުވި އެވެ.