31 Mar 2014, 13:25
ބްލެކްބެރީ އަށް 5.9 ބިލިއަން ޑޮލަރުގެ ގެއްލުން
އަޑި އަޅާލާފައިވާ މޮބައިލްފޯނު ކުންފުނި ބްލެކްބެރީ އަށް އަހަރެއްގެ ތެރޭގައި 5.9 ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ނިމިގެން ދިޔަ މާލީ އަހަރުގައި ބްލެކްބެރީއަށް ލިބުނު ގެއްލުން ތަކުގެ ތެރޭގައި؛ އެ ކުންފުނީގެ ޒެޑް10 ސްމާޓްފޯނު ނުވިކުމުގެ ސަބަބުން ލިބުނު 934 މިލިއަން ޑޮލަރުގެ ގެއްލުމައި، ކުންފުންޏަށް ދިމާވެފައިވާ ދަތިތަކުން އަރައިގަންނަން ގެނައި ބަދަލުތަކުގެ ސަބަބުން ލިބުނު 512 މިލިއަން ޑޮލަރުގެ ގެއްލުން ހިމެނެއެވެ.
އަދި މިއާ އެކު 4 ވަނަ ކުއާޓާގައި ބްލެކް ބެރީއަށް 1.1 ބިލިއަން ޑޮލަރުގެ ވިޔަފާރި ވާނެ ކަމަށް އިންޑަސްޓްރީ ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރި ނަމަވެސް އެ ކުންފުންޏަށް އެ މުއްދަތުގައި ކުރެވިފައި ވަނީ 976 މިލިއަން ޑޮލަރުގެ ވިޔަފާރިއެވެ. މިއީ ވެސް ބްލެކްބެރީ އަށް ލިބުނު ގެއްލުމަށް އެހީވެދިން ކަމެކެވެ.
ނަމަވެސް މިދިޔަ ކުއާޓާގައި ލިބުނު ގެއްލުން ހީކުރި ވަރަށް ވުރެ ކުޑަ ކަމަށް ބްލެކްބެރީ އިން ބުނެއެވެ. އެއީ 423 މިލިއަން ޑޮލަރުގެ ގެއްލުމެކެވެ. އޭގެ ކުރީ ކުއާޓާ ގައި ބްލެކްބެރީއަށް 4.4 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައިވެއެވެ.
އަހަރުގެ 4 ވަނަ ކުއާޓާ ގައި ލިބުނު ގެއްލުން ނިސްބަތުން ކުޑަ ވުމަކީ ރަނގަޅު އަލާމާތެއް ކަމަށް ބްލެކް ބެރީ އިން ދެކެއެވެ. އެއީ “ކުރިއެރުމައި ފައިދާއަށް ރުޖޫއަވުމަށް އޮތް މަގު”ކަމަށާއި، އެ ކުންފުނި މިހާރު ދަތުރު ކުރަމުން ދަނީ “މާލީ ގޮތުން ރަނގަޅަށް ފައިތިލަ ސާބިތުކުރަން” ކަމަށް ބްލެކްބެރީ އިން ބުންޏެވެ.
2007 ގައި އެޕަލްގެ އައިފޯން އާއި ގޫގުލްގެ އެންޑްރޮއިޑް ސްމާޓްފޯންތައް ބާޒާރަށް ނުކުތުމާ އެކު ވިޔަފާރިވެރިންގެ މެދުގައި މަގުބޫލުކަން ހޯދި ބްލެކްބެރީ ވަނީ އަޑިއަޅާލާފައެވެ. ނަމަވެސް ފައިދާވާ ކުންފުންޏަކަށް ބަދަލުވުމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ކުންފުނީގެ ކީބޯޑް އާ އެކު ހުންނަ ޑިވައިސްތަކަށް އިތުރު އަހައްމިއްޔަތު ކަމެއް ދޭން ފަށާފައިވާއިރު ފޯނު އުފެއްދުން މަދުކޮށް، ހިދުމަތްތައް ގިނަކުރަން އެ ކުންފުނިން ވަނީ އަމާއްޒު ހިފާފައެވެ.
“އޭނާ ބަދަލުތައް ގެންނަލެއް ވަރަށް އަވަސް. ހަރަދުތައް އެބަ ހިފަހައްޓާ، އެކަމަކު ޖާދޫ އަކުން ވިޔަފާރިއެއް އިތުރެއް ނުކުރެވޭނެ،” މިދިޔަ ނޮވެމްބަރު މަހުބެލެކްބެރީގެ ސީއީއޯ ކަމާ ވަގުތީ ގޮތުން ހަވާލުވި ޖޯން ޗެން އަށް އިޝާރާތްކޮށް ބީސީޖީ ގެ އެނަލިސްޓެއް ކަމަށްވާ ކޮލިން ގިލްސް ބުންޏެވެ.