31 Mar 2014, 13:10
އިޓާލިއަން ސެރީއާގައި ރޯމާއާ ދެކޮޅަށް ކުޅުނު މެޗުގައި ސަސުއޯލާ އަށް ދޭން އުޅުނު ޕެނަލްޓީ އަނބުރާ ގެންދަން ރެފްރީ ނިކޮލާ ރިޒޯލީ ނިންމި ނިންމުން ރަނގަޅު ކަމުގައި ރޯމާގެ ކޯޗު ރުޑީ ގާސިއާ ބުނެފި އެވެ.
އިއްޔެ ކުޅުނު މެޗުގައި ރޯމާ އަށް ތިން ޕޮއިންޓް ލިބިގެން ދިޔައީ 16 ވަނަ މިނެޓްގައި މަޓިއާ ޑެސްޓްރޯގެ ލަނޑާއި ދެ ވަނަ ހާފުގެ އިތުރު ވަގުތު ކޮޅުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޝެލް ބަސްޓޯސް ކާމިޔާބުކުރި ލަނޑުންނެވެ.
މެޗުގައި އެންމެ ފާހަގަވެގެން ދިޔައީ ޕެނަލްޓީ ދިނުމަށް ނިންމުމަށް ފަހު، އެ ނިންމުން ބަދަލުކުރި ކުރުމެވެ. މި އަހަރު ވޯލްޑް ކަޕުގައި ރެފްރީކަން ކުރާ ރިޒޯލީ، ސަސުއޯލާ އަށް ޕެނަލްޓީ ދިނީ 36 ވަނަ މިނެޓްގައި ފޯވަޑް ނިކޯލާ ސަންސޮނޭ އަށް ރޯމާގެ ޑިފެންޑަރު މެހްދީ ބެނަޓިއާ ފައުލެއް ކުރި ކަމަށް ބަލައިފަ އެވެ. ނަމަވެސް އެ ނިންމުމާއި މެދު ހިތްހަމަ ނުޖެހިގެން ރޯމާ ކުޅުންތެރިން ޝުއޫރު ފާޅުކުރުމުން ދެން ފެނިގެން ދިޔައީ ރެފްރީގެ ނިންމުން ބަދަލުކުރި ތަނެވެ.
"އެއީ އުނދަގޫ ނިންމުމެއް،" ގާސިއާ ބުންޏެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި އެ ނިންމުމަކީ ރަނގަޅު ނިންމުމެއް،"
އިޓަލީ ލީގުގެ އެއްވަނައިގައި އޮތް ޔުވެންޓަސްއާ ދެމެދު 14 ޕޮއިންޓްގެ ތަފާތެއް އޮތް ރޯމާ އަށް މި ސީޒަނުގެ ލީގު ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ކުރެ އެވެ. އެންމެ ފަހުން ރޯމާ އަށް ލީގު ކާމިޔާބު ކުރެވުނީ 2000-01 ސީޒަނުގެ ލީގެވެ.
"ޔުވެންޓަސްއާ ދެމެދު ބޮޑު ތަފާތެއް އެބަ އޮތް ކަން އަހަރެންނަށް އެނގޭ،" އޭނާ ބުންޏެވެ. "ނަމަވެސް އަހަރެމެން ސީޒަންގެ އެންމެ ފަހު ދުވަހާއި ޖެހެންދެން ގިނަ މަސައްކަތްތަކެއް ކުރާނަން. ރޯމާ އަށް ލީގު ކާމިޔާބު ކުރެވިދާނެ."
އިޓާލިއަން ސެރީއާގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 31 މެޗުން ލިބުނު 81 ޕޮއިންޓާ އެކު އެވެ. ކުޅުނު 30 މެޗުން ލިބުނު 70 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އޭއެސް ރޯމާ އޮތްއިރު، 31 މެޗުން ލިބުނު 64 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ނަޕޯލީ އެވެ.