ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެވަނައިގައި އޮތް ބާސެލޯނާ ބައްދަލުކުރާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފޭވަރިޓުންނަކީ ބާސާ ކަމުގައި އެތުލެޓިކޯގެ އުރުގުއޭ ޑިފެންޑަރު ޑިއެގޯ ގޮޑިން ބުނެފި އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގު މެޗަށް ސްޕެއިންގެ ދެ ވާދަވެރިން ނުކުންނާނީ މާދަމާ އެވެ. ސްޕެނިޝް ލީގުގައި މި ދެ ޓީމުގެ ދެމެދުގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެކެވެ.

"އެހެން ޓީމުތަކަކަށް ވުރެ އަހަރެމެން ވަކި ދެ ރައެއް ނުވާނެ،" ގޮޑިން ބުންޏެވެ. "އަހަރެމެންގެ ކިބައިގައި ހުރި ހިތްވަރު އަހަރެމެންނަށް އެނގޭ. އެކަމުގެ ބޭނުން ހިފައިގެން އަހަރެމެންނަށް މެޗުތަކުން މޮޅުވެ، އިތުރަށް ކުރިއަށް ދެވިދާނެ. ކުއާޓާ ފައިނަލުގައި އަހަރެމެން ބާސާއާ ޖެހުމުން ބުނެވޭނީ އެމީހުންނަކީ ފޭވަރިޓުންނޭ. ނަމަވެސް އަހަރެމެންނަށް ވެސް އެމީހުން ނުރައްކަލުގެ ތެރެއަށް ވައްޓައިލެވިދާނެ،"

ޖެރާޑޯ މާޓީނޯގެ ކޯޗު ކަމުގައި ކުޅެމުންދާ ބާސާ ފަހަކަށް އައިސް އައިސް ދައްކަމުންދާ ކުޅުމަށާއި އެ ޓީމުގެ އާޖެންޓީނާ ތަރި ލިއޮނެލް މެސީގެ ކުޅުމަށް ގޮޑިން ތައުރީފު ކޮށްފައިވެ އެވެ.

"މިހާރު ބާސާގެ ފަރާތުން ރަނގަލު ކުޅުމެއް ފެންނަމުންދޭ. ބާސާ އިން އެ މަސައްކަތް ކުރަނީ ޗެމްޕިއަންސް ލީގާއި، ކޮޕަ ޑެލްރޭ އަދި ސްޕެއިން ލީގު ހޯދަން،" އުމުރުން 28 އަހަރުގެ ގޮޑިން ބުންޏެވެ. "އަހަރެމެން މެސީގެ ވާހަކަ މި ދައްކަނީ ކީއްވެ؟ މެސީގެ ވާހަކަ ދެއްކެނީ އަލުން އޭނާގެ މޮޅު ކުޅުމަށް އެނބުރި އައިސްފައި ވުމުން. އަހަރެމެންނަށް މެސީ ހުއްޓުވޭނީ އެކުގައި މަސައްކަތް ކޮށްގެން. އޭނާ އަކީ ނަތީޖާ ބަދަލުކޮށްލެވޭ ފަދަ ކުޅުންތެރިއެއް. ނަމަވެސް އަހަރެމެން ވަކި ބަލިކައްޓެއް ނުވާނެ."

ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލުގެ ފުރަތަމަ ލެގުގައި ބާސާއާ ދެކޮޅަށް އެތުލެޓިކޯ ނުކުންނަން ޖެހޭނީ ބާސާގެ ކޭމްޕް ނޯގަ އެވެ. މި މެޗު ފެށޭނީ މާދަމާ ރޭ މެންދަމު 12:45 ގަ އެވެ.