31 Mar 2014, 12:29
ޖަލުގައި ހުރި ސިވިލް ކޯޓަށް ހާޒިރުކުރަން ޖެހޭ މީހަކު ކޯޓުގެ އެންގުމަށް ކޯޓަށް ހާޒިރުކޮށްދީފައި ނުވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ރަތްޗިޓް ތަތްކޮށްފި އެވެ.
ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ރ. ރަސްގެތީމް ރަންކޮކާގޭ މުހައްމަދު އައިމަން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އަންގާފައި ވަނީ އޭނާ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް ދައުވާކޮށް އެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް ހިންގުމަށެވެ.
ސިވިލް ކޯޓުން ފޮނުވި އަމުރުތަކާ އެއްގޮތަށް އޭނާ ކޯޓަށް ހާޒިރުކޮށްދީފައި ނުވާތީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިދާރާގައި ރަތް ޗިޓް ތަތްކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. އެގޮތުން އަންނަ މެއި މަހުގެ 14 ވަނަ ދުވަހާއި 21 ވަނަ ދުވަހުގެ އިތުރުން 28 ވަނަ ދުވަހު އޭނާ އެ ކޯޓަށް ހާޒިރުކޮށްދިނުމަށް އެ ޗިޓުގައި ވަނީ އަންގާފަ އެވެ.
މިކަމާ ބެހޭގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.