31 Mar 2014, 11:57
ޓެކްސީ ގަވާއިދުގައިވާ ގޮތަށް ޓެކްސީ ކުރާ އުޅަނދުގައި ދިއްލޭ ޓެކްސީ ބޯޑު އަންނަ މަހުގެ 15 ކުރިން ހަރުކުރަން ޓުރާންސްޕޯޓް އޮތޯރިޓީއިން އަންގައިފިއެވެ.
ޓުރާންސްޕޯޓް އޮތޯރިޓީން ބުނީ ޓެކްސީ ކުރުމުގެ ގަވާއިދުގައިވާ ގޮތަށް ޓެކްސީކުރާ އެއްގަމު އުޅަނދުތަކުގައި ބަހައްޓާ ދިއްލޭ ޓެކްސީ ބޯޑު އެ އޮތޯރިޓީގައި ރަޖިސްޓަރީ ކޮށްފައިވާ އެއްވެސް ޓެކްސީއެއްގައި މިހާތަނަށް ބަހައްޓާފައި ނެތްކަމަށެވެ. އަދި އަންނަ މަހުގެ 15 ގެ ކުރިން ޓެކްސީތަކުގައި އެބޯޑް ހަރުކުރަންޖެހޭނެ ކަމަށެވެ.
"ޓެކްސީތަކުގައި ބަހައްޓާ ދިއްލޭ ޓެކްސީ ބޯޑަކީ މިއޮތޯރިޓީއިން ކަނޑައަޅާފައިވާ މިންގަނޑަށް ފެތޭ ބޯޑަކަށް ވާންވާނެ. މިފަދަ ދިއްލޭ ޓެކްސީ ބޯޑު ހަދާ ނުވަތަ ވިއްކާ ފަރާތްތަކުގައި މިއޮތޯރިޓީން ދޫކުރާ ދިއްލޭ ޓެކްސީ ބޯޑުގެ މިންގަނޑަށް ފެތޭކަމުގެ ހުއްދައެއް އޮންނަންވާނެ" ޓުރާންސްޕޯޓް އޮތޯރިޓީން ބުންޏެވެ.
އަދި ބުނީ ދިއްލޭ ޓެކްސީ ބޯޑު ހަދައިދިނުމުގެ ހުއްދަ ހޯދަން ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހުގެ 11:00 ގައި އެއޮތޯރިޓީގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 16 ވަނަ ދުވަހު އަމަލުކުރަން ފަށާފައިވާ އާގަވައިދުގައިވާ ގޮތުން ހެނދުނު 6:00 އިން ފެށިގެން ރޭގަނޑު 12:00އާ ދެމެދު ކުރާ ޓެކްސީ ދަތުރުތަކަށް 25 ރުފިޔާ ނެގެއެވެ. އަދި އެ ގަވާއިދު ބުނާގޮތުން ރޭގަނޑު 12:00 އިން ހެނދުނު 6:00އާ ދެމެދު ކުރާ ދަތުރުތަކަށް ނަގާނީ 30 ރުފިޔާ އެވެ. ކާރުގެ ޑިކީއަށް ދާގީނާއެއް ލައިގެން ކުރާ ދަތުރެއްނަމަ ދަތުރުފީގެ އިތުރަށް ފަސް ރުފިޔާ ނެގޭ ކަމަށާއި އަދި އެއް ދާގީނާއަށް ވުރެ އިތުރު ނަމަ 10 ރުފިޔާ ނެގޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވަނީ ބުނެފަ އެވެ.
އެ ގަވާއިދުގައިވާ ގޮތުން ކޮންމެ ޓެކްސީއެއްގެ ބޭރުގައި ޓެކްސީ ސެންޓަރުގެ ނަމާއި ގުޅޭނެ ނަންބަރު ފެންނަ ގޮތަށް ހުންނަންވާނެ އެވެ. އެގޮތަށް ޓެކްސީތައް ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް ޓެކްސީ ދަތުރެއްގައިނަމަ ރަތްކުލައިން އަދި ދަތުރެއްގައި ނޫންނަމަ ފެހިކުލައިން ދިއްލާފައި ހުންނަން ޖެހޭނެ ކަމަށް އެ ގަވާއިދުގައި ބުނެފައިވީނަމަވެސް އެކަން އަދި އެއްވެސް ޓެކްސީއަކުން ކޮށްފައެއް ނުވެއެވެ.