ވޮޝިންޓަން (މާޗް 31) : މެލޭޝިޔާގެ ގެއްލިފައިވާ މަތިންދާބޯޓު ކައިރި މުސްތަގްބަލެއްގައި ފެނުމުގެ ފުރްސަތު ކުޑަކަމަށް އެމެރިކާ ބުނެފި އެވެ.

ގެއްލިފައިވާ "އެމްއެޗް 370" ފްލައިޓް ހޯދުމުގައި ހަރަކާތްތެރިވާ އެމެރިކާގެ ޢަސްކަރީ ފަންނީ ބައެއް މަސްއޫލުވެރިންނާ ހަވާލާދީ ރޮއިޓާސް ބުނެފައި ވަނީ އެބޯޓު ހޯދުމަށް އަހަރުތަކެއް ވެސް ނަގާފާނެ ކަމަށާ ކައިރި މުސްތަގްބަލެއްގައި ނުފެނުމަކީ އެކަށީގެންވާ ކަމެއް ކަމުގަ އެވެ. މިގޮތަށް ލަފާކުރަންޖެހުނީ އެބޯޓު ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތައް ބަލައި ތަހްލީލުކޮށްފައި ކަމަށް ވެސް އެމެރިކާގެ ޢަސްކަރީ ފަންނީ މަސްއޫލުވެރިން ވިދާޅުވި އެވެ.

ގެއްލިފައިވާ "އެމްއެޗް 370" ފްލައިޓް ހޯދުމަށް ޓަކައި އެމެރިކާގެ ސްޓާލިންގް ނޭވަލް ބޭހުގައި ހަރަކާތްތެރިވާ ފަންނީ ތަޖްރިބާކާރުން ވިދާޅުވާ ގޮތުން އެބޯޓުގެ ކަޅުފޮށީގައިވާ ބެޓެރީގެ ބާރު ދިޔުމުގެކުރިން އެފޮށި ނުހޯދިއްޖެ ނަމަ ދެން އެފޮށި ހޯދުމަކީ ވަރަށް ދަތި އުނދަނގޫ ކަމެކެވެ. މީގެ ތިން ހަފްތާކުރިން ގެއްލިފައިވާ އެފްލައިޓް ވެއްޓުނު ކަމަށް ބެލެވިފައި ވަނީ އިންޑިޔާ ކަނޑުގެ ދެކުނުގެ ސަރަހައްދަކަށެވެ. އެބޯޓުގެ ކަޅުފޮށީގައިވާ ބެޓެރީގެބާރު މާ ދިގު މުއްދަތަކަށް ދެމިނޯންނާނެ ކަމަށާ ބެޓެރީގެ ބާރުދިޔުމުގެ ކުރިން އެ ފޮށިހުރިތަން ދެނެގަތުން ވަރަށް މުހިއްމު ކަމަށް ވެސް ސްޓާލިންގް ނޭވަލް ބޭހުގައި ހަރަކާތްތެރިވާ ފަންނީ ތަޖްރިބާކާރުން ވިދާޅުވި އެވެ. ކަޅު ފޮށީގައިވާ ބެޓެރީގެ ބާރު ނެތް ނަމަ އެއިން ފޮނުވާ ސިގްނަލްތައް ހުއްޓި އެފޮށި ހޯދުމުގެ ފުރްސަތު ސެޓަލައިޓްތަކަށް ގެއްލިގެންދާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވި އެވެ. ގެއްލިފައިވާ ބޯޓުގެ ކަޅުފޮށީގައިވާ ބެޓެރީގެ ބާރު 30 ދުވަހަށް ހުންނާނެ ކަމަށް ކަމާ ބެހޭ އިލްމީ ފަރާތްތަކުން ބުނެ އެވެ.

"އެމްއެޗް 370" ފްލައިޓްގެ ބައިތައް ހޯދުމަށްޓަކައި އިންޑިޔާ ކަނޑުގެ ދެކުނުންއޮސްޓްރޭލިޔާގެ ކައިރީގައިވާ ސަރަހައްދުތަކުގައި އަށްމަތިންދާބޯޓާއި އަސްކަރީ އެތަށް މަނަވަރެއް މިހާރު ވެސް ހަރަކާތްތެރިވަމުންދާ އިރު އެބޯޓުގެ ބައިތައްކަން ކަށަވަރުވި އެއްޗެއް ވެސް މިހާތަނަށް ފެނިފައެއްނުވެ އެވެ. އަދި އަދި އެބޯޓުގެ ކަޅުފޮށީގެ ސިގްނަލެއް ވެސް ލިބިފައެއްނުވެ އެވެ.

މެލޭޝިޔާގެ ކުއާލަލަންޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށްދަތުރުކުރަނިކޮށް މިމަހުގެ 8 ވަނަ ދުވަހު ގެއްލުނު ފްލައިޓް އިންޑިޔާކަނޑުގެ ދެކުނުގެ ހިސާބަކަށް ވެއްޓިފައިވާކަން މެލޭޝިޔާ އިންކަށަވަރުކޮށް ދިނީ މިދިޔަ ހަފްތާގަ އެވެ. އެފްލައިޓްގެ ބައިތައް ކަމަށް ބެލެވޭ ބައެއް ތަކެތި ކަނޑުމަތިން އޮޔާދަނިކޮށް އޮސްޓްރޭލިޔާ އާއި ޗައިނާގެ ކަނޑުގެ ބައެއް މަނަވަރުތަކުން ނެގި ނަމަވެސް އެތަކެތި ޓެސްޓުކުރުމުން އެއީ މަތިންދާބޯޓެއްގެ ބައިތައްނޫންކަން ކަށަވަރު ވެފައިވެ އެވެ. (ރޮއިޓާސް)