31 Mar 2014, 10:30
މަތިންދާބޯޓް އެމްއެޗް 370 ގެއްލިފައި ވަނީ ޓެރަރިސްޓުން އެބޯޓް ހައިޖެކްކޮށްގެން ކަމަށް އަނެއްކާ ވެސް ތުހުމަތު ކުރެވެން ފަށައިފި އެވެ.
އެތުހުމަތު އަނެއްކާ ވެސް ކުރެވެން ފެށީ ބޯޓް ގެއްލުނު ހާދިސާގެ ތަހުގީގުގައި އެމެރިކާގެ ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެސެޖެންސީ (ސީއައިއޭ) އާއި އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާ އެމް އައި6 ބައިވެރިވާކަން އެނގުމުންނެވެ.
ސީއައިއޭއާއި އެމްއައި6 ތަހުގީގުގައި ބައިވެރިވާކަން ހާމަ ކުރެއްވީ މެލޭޝިއާގެ އެކްޓިން ޓްރާންސްޕޯޓް މިނިސްޓަރު ހާޝިމުއްދީން ހުސައިން ކަމަށް އޮސްޓްރޭލިއާގެ ސިޑްނީ މޯނިން ހެރަލްޑް ނޫހުން އިއްޔެ ބުންޏެވެ.
ހާޝިމުއްދީން ވިދާޅުވެފައި ވަނީ އެމްއެޗް 370 އިން ދަތުރުކުރި 239 މީހުންނަށް ވީގޮތެއް ދެނެގަތުމަށް ސީއައިއޭ އާއި އެމް އައި އިން ޗައިނާގެ ޖާސޫސީ އިދާރާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ބޯޓު ގެއްލުނީ ވަކި ކަމެއްގެ ސަބަބުން ކަމަށް ވިދާޅުވާން އޭނާ ވަނީ ދެކޮޅު ހައްދަވާފަ އެވެ. ވިދާޅުވެފައި ވަނީ ބޯޓު ގެއްލުނީ ޓެރަރިޒަމް ނުވަތަ ހައިޖެކްކުރުން ނުވަތަ ޒާތީ ކަމެއްގެ ސަބަބުން ނުވަތަ ނަފުސާނީ ކަމެއްގެ ސަބަބުން ނުވަތަ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
"... މިގޮތްތަކާ މެދު ތަފާތު އިންޓެލިޖެންސް އެޖެންސީތަކާ އެކު ވަރަށް ދިގުކޮށް ވަނީ މަޝްވަރާކޮށްފައި،" ހާޝިމުއްދީން ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
އިނގިރޭސިވިލާތުގެ އެމް އައި6 އިން އެހީތެރިވެދީފައި ވަނީ އެމްއެޗް 370 އިން ދަތުރުކުރި މީހުންގެ މާޒީ ވަކިވަކިން ބެލުމަށް ކަމަށް ސިޑްނީ މޯނިން ހެރަލްޑް ނޫހަށް އެނގިފައިވާ ކަމަށް ވެސް އެނޫހުން ބުންޏެވެ.
ނަމަވެސް ހާޝިމުއްދީން ވިދާޅުވެފައި ވަނީ އެމްްއައި6 އިން އެހީތެރިވަނީ ބޯޓުގެ ކޮމިއުނިކޭޝަން ސިސްޓަމް ނިއްވާލި ފަހުން ހަތް ގަޑިއިރުގެ ތެރޭގައި ފޮނުވާފައިވާ "ޕިންގް"ތައް ދިރާސާ ކުރުމަށް ކަމަށެވެ.
"މިހާރު އަހަރެމެން މިވާހަކަދައްކަނީ ސެޓެލައިޓް ޑޭޓާއާއި އިމޭޖަރީއާ ބެހޭ ގޮތުން. ސީއައިއޭ އަންނަނީ ބައިވެރިވަމުން. ޗައިނީޒް އިންޓެލިޖެންސް އަންނަނީ ބައިވެރިވަމުން. އެމް އައި އަންނަނީ ބައިވެރިވަމުން،" ހާޝިމުއްދީން ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.