31 Mar 2014, 10:19
ގާހިރާ (މާޗް 31) : މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުން އޮންނާނީ އަންނަ މޭމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުގައި ކަމަށް މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ އިސް ކޮމިޓީން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
ރިޔާސީ އިންތިޚާބުގެ ތާރީޚުތައް އިއުލާން ކުރައްވަމުން އެކޮމިޓީގެ ރައީސް އަންވަރުލްޢާސީ ވިދާޅުވީ މިސްރުގެ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓުލުން އޮންނާނީ އަންނަ މޭމަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހުގައި ކަމަށާއި ދެވަނަބުރެއް ބާއްވަންޖެހިއްޖެ ނަމަ އެބުރުގައި ވޯޓުލުން އޮންނާނީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހާއި 17 ވަނަދުވަހުގައި ކަމުގަ އެވެ.
މިސްރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ވަރަށް ފަސޭހަކަމާ އެކު ކާމިޔާބު ކުރައްވާނީ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މަގާމުން ދުރުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި މިސްރުގެ ކުރީގެ ދިފާޢީ ވަޒީރު މާޝަލް އަބްދުލްފައްތާޙް އައްސީސީ ކަމަށް ވަނީ ބެލެވިފަ އެވެ. މިސްރުގައި މިނިވަން އިންސާފުވެރި އިއްތިޚާބެއް ބާއްވައިގެން ދިމުގްރާތީ ގޮތުން އިންތިޚާބު ކުރެވުނު ރައީސް ޑރ. މުހައްމަދު މުރުސީގެ ވެރިކަން ވައްޓާލުމަށް ފަހު މިސްރުގެ ހުރިހާ ބާރުތަކެއް (ފަރުދާގެ އަނެއްފަރާތުން) ކޮންޓްރޯލް ކުރައް ވަނީ ސީސީ ކަމުން މިނިވަން އިންސާފުވެރި އިންތިޚާބަކަށް މިސްރުގައި މިހާރު ޖާގަނެތްކަމަށް ރިޕޯޓްތައް ބުނެ އެވެ.
ސީސީ ވަނީ ރިޔާސީ އިންތިޚާބަށް ކުރިމަތިލެއްވުމަށް ޓަކައި މިދިޔަ ހަފްތާގައި މިސްރުގެ ދިފާއީ ވަޒީރުކަމުންނާއި ސިފައިންގެ ކޮމާންޑަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރިޔާސީ ކޭންޕޭންގެ ހަރަކާތްތައް ފައްޓަވާފަ އެވެ. ސީސީ އަށް ތާއީދުކުރާ އިލްމާނީ ސިޔާސީ ފަރާތްތަކާއި އޭނާގެ ގެންގުޅުއްވާ ސިޔާސީ އުކުޅުތަކުގެ އަވާގައި ޖެހިފައިވާ ގިނަ އަދަދެއްގެ އާންމުން ވެސް އޭނާ ސިފަކުރަމުން ގެންދަނީ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ "އަތްދަށުން" މިސްރުގެ ރައްޔިތުން "ސަލާމަތްކޮށްދިން" ވަރުގަދަ "ގައުމީ ބަތަލެއް" ގެ ގޮތުގަ އެވެ.
ސީސީއަށް ތާއީދުކުރާ މިސްރުގެ ރަސްމީ ޚަބަރުފަތުރާ ވަސީލަތްތަކުންނާއި ޢިލްމާނީ ފިކުރަށް ތާއީދުކުރާ ޚަބަރުފަތުރާ އެހެން ވަސީލަތްތަކުން ޑރ. މުރުސީއާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ އިސްލާމީ ސިޔާސީ ފިކުރުމުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ލީޑަރުން ސިފަކުރަމުން ގެންދަނީ ޔަހޫދީ ޒަޔަނިސްޓުންނަށް ވުރެ ވެސް މިސްރަށް ނުރައްކާތެރި ބައެއްގެ ގޮތުގަ އެވެ. މިކަމުގެ ސަބަބުން މިސްރުގެ މުޖްތަމައު ވަނީ މުޅިން ބައިބައިވެ ފިތުނައިގެ ކޮޅިގަނޑެއްގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެ އެވެ.
ސީސީ ފަހަތުގައި ހުންނަވައިގެން އުފައްދާފައިވާ މިސްރުގެ ވަގުތީ ސަރުކާރުން ވަނީ އިޚްވާން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމާފަ އެވެ. އަދި މިސްރުގެ ވަގުތީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި އިހްތިޖާޖް ކުރުން މިސްރުގައި އާންމުވެފައިވާއިރު ސަލާމަތީ ބާރުތަކުން ގެންދަނީ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށާއި އެއްވެއުޅުމާއި މުޒާހަރާ ކުރުމުގެ މިނިވަންކަން ނިގުޅައިގަނެ ސަރުކާރާ ދެކޮޅަށް އިހްތިޖާޖްކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތަށް ބަޔަކު މަރައި އިންސާނީ ހައްގުތަކާ ޚިލާފު އެތަށް ޖަރީމާތަކެއް ކޮންމެ ދުވަހަކު ހިންގަމުންނެވެ. (އަލްޖަޒީރާ)