31 Mar 2014, 10:13
ނަޕޯލީ އަދިވެސް އޮތީ ޔުވެންޓަސްއާ އެއް ފެންވަރެއްގައި ނޫން ކަމަށާއި އެކްލަބު އިތުރަށް ވަރުގަދަ ކުރަން ޖެހޭ ކަމުގައި ނަޕޯލީގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނެފި އެވެ.
ބަނިޓޭޒް މިހެން ބުނި ނަމަވެސް، އިޓާލިއަން ސެރީއާގައި އިއްޔެ ޔުވެންޓަސްއާ ދެކޮޅަށް ކުޅުނު މެޗުން ވަނީ 2-0 ލަނޑުން މޮޅުވެ، ވަރަށް ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ބެނިޓޭޒް ބުނީ، ރަނގަޅު ސީޒަނެއްގެ ގޮތުގައި ނިންމާލުމަށް ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ.
"އެއްވެސް ކުޅުމަކީ އެންމެ ރަނގަޅު ކުޅުމަކަށް ނުވާނެ. އަހަރެމެން މޮޅު ޓީމަކާ ދެކޮޅަށް ރޭ ކުޅުނީ މޮޅު ކުޅުމެއް. ސީޒަނެއްގެ ތެރޭގައި ސްކޮޑަށް ތަފާތެއް ގެނެވިދާނެ ކަމަށް އަހަރެން ބުނިން،" ބެނިޓޭޒް ބުންޏެވެ. "މިއީ ފަސޭހަކަމެއް ނޫން، އަހަރެމެން ޓީމުގައި ޔުވެންޓަސް ޓީމުގައި ހުރި ވަރުގެ ހިތްވަރު ގަދަ ކަމެއް ނެތް. އަހަރެމެން އެބަ ޖެހޭ އެ ހިތްވަރު ހޯދަން. އަހަރެމެންގެ ކުރީގައި އޮތް ރޯމާގެ ފަރާތުން ވެސް ކުށެއް ފެނިފައެއް ނުވޭ،"
މި ސީޒަނުގައި ސްކޮޑު ވަރުގަދަ ކުރުމަށް ހަރަދެއްކޮށްފައި ނުވާ ކަމަށް ބުނެ، މެޗުގެ ކުރިން ޔުވެންޓަސްގެ ކޯޗު އެންޓޯނިއޯ ކޮންޓެ ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. މިކަމާ ބެހޭ ގޮތުން ބެނިޓޭޒް ބުނީ، ނަޕޯލީއާ އަޅާ ބަލާއިރު ޔުވެންޓަސްގެ މާލީ ތަނަވަސްކަން ބޮޑު ކަމަށެވެ.
"ކޯޗެއްގެ ކިބައިގައި ހުންނަން ޖެހޭނީ ޓީމުގެ ކަންތައްތަކާ މެދު ސަމާލުވެގެން ހުރުމުގެ ވިސްނުން. އަހަރެމެންނާ ދެކޮޅަށް ޔުވެންޓަސް ކުޅުނު މެޗުގައި ކާލޮސް ޓެވޭޒް ނުފެނުނު ނަމަވެސް، އޮސްވާލްޑޯ އާއި މާކޯ ވުޗިނުޗް ހުރީ ތައްޔާރަށް. ޔުވެންޓަސް އަކީ ހުރިހާ މަގާމެއް ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން ހުރި މޮޅު ސްކޮޑެއް އެކުލެވޭ ޓީމެއް. ފުރަތަމަ ބަލަންވީ ދެ ކްލަބުގެ މާލީ ތަނަވަސްކަމަށް." ބެނިޓޭޒް ބުންޏެވެ.
އިޓާލިއަން ސެރީއާގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 31 މެޗުން ލިބުނު 81 ޕޮއިންޓާ އެކު އެވެ. ކުޅުނު 30 މެޗުން ލިބުނު 70 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައި އޭއެސް ރޯމާ އޮތްއިރު، 31 މެޗުން ލިބުނު 64 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައި އޮތީ ނަޕޯލީ އެވެ.