އަންކަރާ (މާޗް 31) : ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް އިންތިޚާބު، ބޮޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ބޮޑު ތަފާތަކުން ކާމިޔާބުކޮށްފި އެވެ.

އިންތިޚާބު ކާމިޔާބުކުރެއްވިކަން ރޭ އިއުލާން ކުރައްވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގެ 77 މިލިޔަން ރައްޔިތުން އޭނާގެ ޕާޓީގެ ޒަޢާމަތުގެ ދަށުގައި އެއްބައިވަންތަ އަޚުންތަކެއްގެ ގޮތުގައި ތިބިކަން މިއިންތޚާބުގެ ނަތީޖާއިން ދައްކައިފި ކަމަށާ މިއީ ޒަމާނީ ތަރައްގީގެ ތުރުކީއަށް ލިބުނު ނަސްރެއް ކަމުގަ އެވެ. އުރުދުޣާނަށް ތާއީދުކުރާ އެތައް ހާސް ބަޔަކާ މުޚާތަބުކުރައްވަމުން ރޭ އޭނާ ވިދާޅުވީ އޭނާގެ ޕާޓީއާ ކޮރަޕްޝަނާ ގުޅުވައިގެން އިދިކޮޅު ޕާޓީތަކުން ފެތުރި ޕްރޮޕަގެންޑާތައް ރައްޔިތުން ގަބޫލުނުކުރާކަން ހާމަވެގެން ހިނގައްޖެ ކަމަށާއި އެ ދޮގު ޕްރޮޕަގެންޑާތަކުގެ އަގު ވަރަށް ވޭންދެނިވި ގޮތެއްގައި އެ ޕާޓީތައް ތަހައްމަލް ކުރަންޖެހިފައިވާ ކަމުގަ އެވެ.

އުރުދުޣާން ވިދާޅުވީ އޭނާގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާ އިސްލާމީ ފިކުރުގެ އަގުވައްޓާލުމަށް ތުރުކީގެ އެތެރޭގައި އިދިކޮޅު ފަރާތްތަކުން ހިންގި ދޮގު ޕްރޮޕަގެންޑާތަކަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށާއި މި ޕްރޮޕަގެންޑާތަކަށް ތާއީދުކުރި ބޭރުގެ ފަރާތްތަކަށް ވެސް މިހާރު ފިލާވަޅެއް ލިބިފައިވާނެކަމުގަ އެވެ.

ތުރުކީގެ ލޯކަލް އިންތިޚާބުގައި މިހާތަނަށް ވޯޓުފޮށިތަކުގެ 80 ޕަސެންޓް ގުނާފައިވާ އިރު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ ވަނީ އިދިކޮޅު މައި ޕާޓީކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ ވަރަށް ބޮޑަށް ފަހަތަށް ޖައްސާލާފަ އެވެ. ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އުރުދުޣާންގެ ޕާޓީ ވަނީ އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ތާއީދު ދިގު މުއްދަތަކަށް އޮތް އަންތާލިޔާ، ހަތާއި، ސަމްސޫން ފަދަ ދާއިރާތަކުގެ އަޣްލަބިއްޔަތު ވެސް ބޮޑުތަފާތަކުން ހޯދާފަ އެވެ.

މިހާތަނަށް ގުނާފައިވާ 80 ޕަސެންޓް ވޯޓަށް ބަލާ އިރު އުރުދުޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ، ވޯޓުގެ 47 ޕަސެންޓް ކާމިޔާބުކޮށްފައިވާ އިރު އިދިކޮޅު މައި ޕާޓީކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީ އަށް ލިބިފައިވަނީ އެންމެ 28 އިންސައްތަ ވޯޓެވެ. ތުރުކީގައި އިއްޔެ ބޭއްވި ލޯކަލް އިންތިޚާބަކީ އެގައުމުގެ 32 ގަވަނޭޓްގައި މުނިސިޕަލް ކައުންސިލްތަކާއި ވިލެޖް ކައުންސިލްތަކާ އަދި އަވަށު ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭއްވި އިންތިޚާބެކެވެ. މިއިންތިޚާބުގައި 26 ޕާޓީއަކުން ބައިވެރިވެ ވާދަކޮށްފައިވެ އެވެ. (އަލްޖަޒީރާ)