31 Mar 2014, 09:49
ދުނިޔޭގެ މޫސުމަށް އަންނަ ޠަބީޢީ ނޫން ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ދުނިޔެއާއި އިންސާނީ ނަސްލަށް ކުރިމަތި ވެދާނޭ ބޮޑެތި ނުރައްކާތަކާ ބެހޭ ގޮތުން މިހައިތަނަށް ނެރެވުނު އެންމެ ޝާމިލު ރިޕޯޓު މިއަދު ޝާއިޢުކޮށްފިއެވެ. މި ރިޕޯޓު ޝާއިޢު ކޮށްފައި ވަނީ ޖަޕާނުގެ ޔޮކޮހާމާގައި ބޭއްވުނު އަލިފުދާލުގެ "އިންޓަރގަވަންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" (އައިޕީސީސީ) ގެ ސައެންސްވެރީންނާއި އޮފިޝަލުންގެ ބައްދަލުވުމުގެ ނިންމުމުގެ ރަސްމިއްޔާތާ ދިމާކޮށެވެ.
އައިޕީސީސީގެ ސައެންސްވެރީންނާއި އޮފިޝަލުން ވިދާޅުވެފައި ވަނީ، މޫސުމަށް އަންނަ ޠަބީޢީ ނޫން ބަދަލުތަކުގެ ނަތީޖާތައް ކުރީން ހީ ކުރެވުނު ވަރަށް ވުރެ ބޮޑު ވެފައި، އެ ނަތީޖާތަކުގެ އަސަރު ފޯރާ މިންވަރު ވެސް ހީ ކުރެވުނު ވަރަށް ވުރެ ބޮޑު ވާނެ ކަމަށް އެތައް ހެކިތަކެއް ލިބިފައި ވާ ކަމަށެވެ.
ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން މިއަދާ ހަމަޔަށް އެންމެ ބޮޑު އަގެއް ދައްކާން ޖެހުނީ ޤުދުރަތީ ނިޒާމުތަކަށް ކަމަށް ވިޔަސް، ކުރިޔަށް އޮތް ތަނުގައި އޭގެ ހިތި ނަތީޖާ އެންމެ ބޮޑަށް ދެކޭން ޖެހޭނީ އިންސާނުން ކަމަށް ވެސް އައިޕީސީސީގެ ސައެންސްވެރީން ވަނީ ވިދާޅުވެފައެވެ.
މިއަދު ނެރެވުނު ރިޕޯޓުގެ ޚުލާޞާގައި ބުނެފައި ވާ ގޮތުން، ކުރިޔަށް އޮތް ތަނުގައި އިންސާނާގެ ޞިއްޙަތަށާއި ގެވެށި ދިރިއުޅުމަށާއި، ކާބޯތަކެއްޗަށާއި، އަމަންއަމާންކަމަށް ވެސް ދުނިޔޭގެ ހޫނުކަން އިތުރުވުމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާނެއެވެ.
މިއަދު ނެރެވިފައި ވަނީ އައިޕީސީސީގެ "ފިފްތު އެސެސްމަންޓް ރިޕޯޓް" ގެ ނެރޭން ހަމަޖެހިފައި ވާ ތިން ރިޕޯޓުގެ ސިލްސިލާގެ ދެވަނަ ރިޕޯޓެވެ. މި ރިޕޯޓު ނެރެވިފައި ވަނީ ޔޮކޮހާމާގައި އައިޕީސީސީގެ ސައެންސްވެރީންނާއި، އެ ޕެނަލުގައި މެންބަރު ދައުލަތްތައް ތަމްސީލު ކުރައްވާ މަންދޫބުން ބައްދަލު ކުރައްވައި، ހަފުތާއެއްގެ މުއްދަތަށް ބޭއްވުނު މަޝްވަރާތަކާއި ހޫނު ބަޙުޘްތަކަކަށް ފަހުގައެވެ.
"ފިފްތު އެސެސްމަންޓް ރިޕޯޓް" ގެ ދެވަނަ ރިޕޯޓުގައި ފޯކަސް ކުރެވިފައި ވާ އެންމެ މައިގަނޑު ދާއިރާ އަކީ ދުނިޔެ ހޫނު ވަމުން ދިޔުމާއި، އޭގެ ސަބަބުތަކާއި، ނަތީޖާތަކާއި ޙައްލުތަކަކީ ކޮބައިތޯ މި ސުވާލުގެ ދާއިރާއެވެ.
މިއަދުގެ ރިޕޯޓުގައި ބުނެފައި ވާ ގޮތުގައި، ދުނިޔެ ހޫނު ވަމުން ދާ ކަމާއި، އޭގެ ސަބަބުން ދުނިޔެއަށް ފަނާ ކުރަނިވި ބަދަލުތަކެއް އަންނަމުންދާ ކަމަށް ލިބިފައި ވާ ސައެންސީ ހެކިތައް، 2007 ވަނަ އަހަރުގެ ފަހުން ވަނީ ދެ ގުނަޔަށް އިތުރު ވެފައެވެ. 2007 ވަނަ އަހަރަކީ "ފިފްތު އެސެސްމަންޓް ރިޕޯޓް" ގެ ފުރަތަމަ ބައި ނެރެވުނު އަހަރެވެ.
"ދުނިޔެ ހޫނު ވާ މިންވަރު އިތުރުވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، އިންތިހާ ދަރަޖައިގެ ފަނާ ކުރަނިވި، ފެތުރިގެން ދާނޭ، އަދި އަނބުރައި އިޢާދަ ނުކުރެވޭނޭ ގެއްލުންތަކެއް ލިބުމުގެ ފުރުޞަތު ބޮޑު" ކަމަށް ރިޕޯޓުގައި ލިޔެފައި ވެއެވެ.
ޔޮކޮހާމާގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތާ ދިމާކޮށް، މިއަދު އޮތް ނޫސްވެރީންގެ ބައްދަލުވުމުގައި، އައިޕީސީސީގެ ޗެއަރމަން ރާޖެންދްރަ ޕަޗައުރީ ވިދާޅުވީ "މޫސުމަށް އަންނަ ޠަބީޢީ ނޫން ބަދަލުތަކުގެ ނޭދެވޭ ނަތީޖާގެ ރަހަ ދެކޭން ނުޖެހޭ ހަމަ އެންމެ އިންސާނަކު ވެސް މި ބިންމައްޗަކު ނުއުޅޭނެ" ކަމަށެވެ.
"ކުރީން ވެސް އަޅުގަނޑުމެން ދެނެތިބީމު މިކަން އެބަ ހިނގާ ކަން. ނަމަވެސް މޫސުމަށް ޠަބީޢީ ނޫން، ނޭދެވޭ ބަދަލުތަކެއް އައިސް ދުނިޔެ ބޮޑު ނުރައްކަލަކަށް ހުރަހޮޅިފައި ވާ ކަމުގެ ރައްދު ނުކުރެވޭނޭ ފަދަ ވަރުގަދަ ހެކިތައް ފެނި، އެކަން ހިނގާ ކަމާއި އެއީ ބިރުވެރި ޙަޤީޤަތެއް ކަން މިހާރު އަޅުގަނޑުމެންނަށް މި ވަނީ މުޅީން ކަށަވަރު ކުރެވިފައި." ރިޕޯޓުގެ އެއް ބާބު ލިޔުމުގައި އިސް މުސައްނިފެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. ސަލީމުލް ޙައްޤު ވިދާޅުވިއެވެ.
"ވޯރލްޑް މީޓިއޮރޮލޮޖިކަލް އޯރގަނައިޒޭޝަން" ގެ ސެކްރެޓަރީ ޖެނެރަލް މިޝެލް ޖަރޯޑް ވިދާޅުވި ގޮތުގައި ކުރީން އިންސާނުން ދުނިޔޭގެ މާޙައުލާއި މޫސުން ހަލާކު ކުރަމުން އައީ "ނޭނގުމުގެ" ތެރޭގައި ތިބެއެވެ. "ނަމަވެސް މިއަދު އެ ބަހަނާ ދެއްކޭކަށެއް ނެތް. މިއަދު އަޅުގަނޑުމެން އެކަން މި ކުރަނީ ހަމަ އެނގި ތިބެ." ޖަރޯޑް ވިދާޅުވިއެވެ.
ދުނިޔެ ހޫނު ވުމުގެ ސަބަބުން ކުރިޔަށް އޮތް 20 އަހަރާއި 30 އަހަރާ ދެމެދުގެ މުއްދަތުގައި ކުރިމަތި ވެދާނެ ނުރައްކާތަކާ ބެހޭ ތަފްޞީލުތަކަށް ރިޕޯޓުގައި ބަލައިލެވިފައި ވެއެވެ. އެގޮތުން، މައިގަނޑު ފަސް ކަންބޮޑުވުމެއް ރިޕޯޓުގައި ހާމަ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި އާރކްޓިކް ކަނޑުގެ ގަނޑުފެންތައް ވިރި، އެ ސަރަޙައްދުގެ ފިނިހޫނުމިން 2 ޑިގްރީ ސެލްސިއަސްގެ ނިސްބަތުން މަތި ވުމުގެ ބިރާއި، ކަނޑުގެ ތޫނުފެންކަން އިތުރު ވެ، އޭގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ފަނާ ކުރަނިވި ނުރައްކަލެއް އިތުރު ވުމުގެ ބިރާއި، ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ޖަނަވާރުތައް، ދުނިޔޭގެ އުތުރު އަދި ދެކުނު ތަނޑިއާ ދިމާޔަށް މިޞްރާބު ޖަހައި ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ ތިމާވެށްޓަށް ކުރިމަތި ވެދާނޭ އެތައް މައްސަލަތަކެއް ހިމެނެއެވެ.
މައިގަނޑު އެއް ކަންބޮޑުވުމުގެ ގޮތުގައި، ދުނިޔޭގެ ކާބޯތަކެތީގެ އުފެއްދުންތެރިކަމަށް އަތުވެދާނޭ ހީނަރުކަން ވެސް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. މި ހީނަރުކަމުގެ ތެރޭގައި، ދޮނަޅަ އާއި ހަނޑުލާއި ގޮދަނުގެ އުފެއްދުންތެރިކަން 2050 ވަނަ އަހަރާ ހަމަޔަށް ދާ އިރު 25 އިންސައްތަ ދަށް ވުމުގެ އިޙުތިމާލު އޮތް ކަމަށް ސައެންސްވެރީން ބުނެއެވެ. ހަމައެހެންމެ، ކަނޑުތަކުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކާ ގުޅިގެން މަސްމަހާމެހި މިހާރު އުޅޭ ތަންތަން ދޫކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން، ޓްރޮޕިކަލް ސަރަޙައްދުތަކާއި އެންޓާރކްޓިކާ ސަރަޙައްދުގައި މަސްވެރިކަން 50 އިންސައްތަ ދަށަށް ދާނެ ކަމަށް ވެސް ލަފާ ކުރެވެއެވެ.
"އަޅުގަނޑުމެން ކަންބޮޑުވުމާއި ފިކުރު ބޮޑުވުމާ އެކު ފާހަގަ ކުރާން ޖެހޭ ކަންތައްތަކެއްގެ ވާހަކަ މި ދެކެވެނީ." ޔުނިވަރސިޓީ އޮފް އެކްސެޓަރގެ ތަޖުރިބާކާރު ޕްރޮފެސަރ ނީލް އެޑްގަރ ވިދާޅުވިއެވެ. ޕްރޮފެސަރ އެޑްގަރ އަކީ ވެސް އައިޕީސީސީގެ ރިޕޯޓުގެ މުސައްނިފުންގެ ޓީމުގައި ހިމެނިވަޑައިގަތް ބޭފުޅެކެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ އެކިއެކި ސަރަހައްދުތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް އިތުރު ވާނޭ ކަމަށް ސައެންސްވެރީން ބުނާ އިރު، ހޫނު ވުމުގެ ސަބަބުން މަރު ވާ މީހުންގެ އަދަދު ވެސް ކުރިޔަށް އޮތް ތަނުގައި ދާނީ މައްޗަށެވެ.
ދުނިޔެ ހޫނު ވެ، މޫސުމަށް ޠަބީޢީ ނޫން ބަދަލުތަކެއް އައުމުގެ ސަބަބުން، ކުރު މުއްދަތުގައި ލިބޭ ގެއްލުންތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ފަޤީރު ޤައުމުތަކަށް ކަމަށް ވިޔަސް، މުއްސަނދި ޤައުމުތަކަށް ވެސް އެ ގެއްލުންތަކުން ސަލާމަތެއް ނޯންނާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
"މުއްސަނދި ޤައުމުތައް ވެސް ދުނިޔޭގެ މޫސުމަށް މި އަންނަ ބަދަލުތަކާ މެދު ވިސްނާން މަޖުބޫރު ވާ ދުވަސް އަންނާނެ. އެކަން އަޅުގަނޑުމެންނަށް އެބަ ފެނޭ މީގެ މަދު މައްސަރުތަކެއް ކުރީން އިނގިރޭސި ވިލާތަށް ކުރިމަތި ވި ފެންބޮޑުވުމުގެ ސީރިއަސް ހާދިސާތަކާއި، އެމެރިކާއަށް ކުރިމަތި ވި ފިނީގެ ޠޫފާންތަކާއި، އެމެރިކާގެ ކެލިފޯރނިއާއަށް އައި ތަދުމަޑުކަމާ މެދު ވިސްނައިލުމުން." ޑރ. ސަލީމުލް ޙައްޤު ވިދާޅުވިއެވެ. "މި ދެންނެވީ އެތައް ބިލިއަން ޑޮލަރަކުން މެނުވީ އެ މުޞީބާތްތަކެއްގެ އަގު ނުދެއްކޭނެ މުޞީބާތްތަކުގެ ވާހަކަ. މުއްސަނދި ޤައުމުތަކަށް ވެސް ޖެހޭނެ މި ބޮޑު ޚަރަދުގެ ބުރަ އުފުއްލާން. ނަމަވެސް އެ ޤައުމުތަކަށް ވެސް މިފަދަ ޚަރަދުތައް ކުރެވޭނީ ވަކި ވަރަކަށް."
ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ދުނިޔެ ހޫނު ވުމާ ބެހޭގޮތުން ސައެންސްވެރީންނާއި ތަޖުރިބާކާރުން ބިރުވެރި އިންޒާރުތަކެއް ދީފައި ވާ އިރު، މައްސަލަ ޙައްލު ކުރެވޭނޭ ގޮތްތަކެއް އެބަ ހުރި ކަމަށް ވެސް ވަނީ ބުނެފައެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި، މި ރިޕޯޓާ އެކު ޙާޞިލު ކުރެވޭ އެންމެ ބޮޑު ކުރިއެރުމަކީ، ހިރާސްތަކާ ގުޅިގެން އަޅާން ޖެހޭ ފިޔަވަޅުތަކެއްގެ ގޮތުގައި، ދުނިޔެ ހޫނު ވުމުގެ މައްސަލަ ޙައްލު ކުރާން ކުރެވިދާނޭ މަސައްކަތްތަކެއް ހުރި ކަން ފާހަގަ ކުރެވުން." އައިޕީސީސީގެ ރިޕޯޓު ތައްޔާރު ކުރި "ވޯރކިންގ ގްރޫޕް" ގެ ކޯ-ޗެއަރމަން ޑރ. ކްރިސް ފީލްޑް ވިދާޅުވިއެވެ.
"މޫސުމީ ބަދަލުތަކާއި ދުނިޔެ ހޫނު ވުމުގެ މައްސަލަތަކަކީ ނުހަނު ބޮޑު، ސީރިއަސް މައްސަލަތަކެއް. ނަމަވެސް އެ މައްސަލަތައް ޙައްލު ކުރުމަށް ޓަކައި ބޭނުން ކުރެވިދާނޭ ކިތައްމެ އާލަތްތަކެއް، ކިތަންމެ ގޮތްތަކެއް އެބަ ހުރި. މީގައި އަޅުގަނޑުމެން ޖެހެނީ ވަރަށް ވިސްނުންތެރިކަމާ އެކު، ޒިންމާދާރުކަމާ އެކު ފިޔަވަޅުތައް އަޅާން." ޑރ. ފީލްޑް އިތުރަށް ވިދާޅުވިއެވެ.