އެއީ 1991 ވަނަ އަހަރުގެ ކޮންމެވެސް ދުވަހެކެވެ. ބ. ކެންދޫ، މުނިޔާގޭ، ހުސެއިން އަލީ އުޅުނީ ގާ ނަގަން ފަރަށް ގޮހެވެ. މަސްވެރިއެއް ނަމަވެސް ބައެއް ފަހަރު އޭނާ ގަލަށް ގޮސް ވެސް އުޅެ އެވެ. މަހަށް ދިޔަސް ގަލަށް ދިޔަސް ހުސެއިން އަލީ ދަނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ގޮވައިގެނެވެ. އެއިރު އެ ކުއްޖާގެ އުމުރަކީ އެންމެ 13 އަހަރެވެ.

އެ ދުވަހު ފަރަށް ގޮސް، ގާ ނަގައި، ކޮނޑުގައި އެތަކެތި ރަށަށް ގެންގޮސް، ތަޅައި ހެދިއިރު ހުސެއިން އަލީގެ މި ކުއްޖާ 23 އަހަރު ފަހުން ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް ކުރާ ގެއަށް އިންތިހާބު ވާނެ ކަމަށް އޭނާ ވެސް އަދި އެ ކުއްޖާ ވެސް ހިތަކަށް ނާރަ އެވެ.

ހުސެއިން އަލީގެ ދަރިފުޅު އަލީ ހުސެއިން ނުވަތަ އޭނާގެ ރައްޓެހިން އާންމުކޮށް ކިޔާ ގޮތުން ނަމަ އައްޔަ ވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ އަށް މީގެ ހަފްތާއެއް ކުރިން އިންތިހާބުވެފަ އެވެ. އެކަމަކު އޭނާ އަށް އެކަން މުޅިއަކން ގަބޫލެއް ނުކުރެވެ އެވެ. އައްޔަގެ ބަހުން ނަމަ ރާއްޖޭގެ އެންމެ ނުފޫޒު ގަދަ، ބާރުވެރި، މުއްސަނދި އެކަކާ ވާދަކޮށް މަޖިލިހަށް ހޮވުނުކަން އަދި ވެސް އޭނާ އަށް "ސިންކެއް ނުވެ" އެވެ.

"އަދި ވެސް ގަބޫލެއް ނުކުރެވޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހޮވިއްޖެ ކަމަކަށް. ރަށުގައި ވެސް އަހަރުމެންގެ އާއިލާ އަކީ ވެރިކަން ކޮށްފައި އޮތް ބަޔެއް ވެސް ނޫން. އަދިވެސް ސިންކެއް ނުވޭ،" އައްޔަ ބުންޏެވެ.

ވެރިކަން ނުކުރި ނަމަވެސް އައްޔައަކީ ކުޑައިރުއްސުރެ ވެސް ސިޔާސީ މީހެކެވެ. ސިޔާސީ ވާހަކަ ދައްކައި ހަދަ އެވެ. އިންޑިއާގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމަށްވާ ނެޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ އިން އޭނާ ބެޗްލާސް އޮފް އާޓްސް އަދި ބެޗްލާސް އޮފް ލޯ އިން ޑަބަލް ޑިގްރީ ފުރިހަމަކޮށްގެން މާލެ އައުމުން ވަޒީފާ ނުލިބުނީ ވެސް ސިޔާސީ ކަމެއްގައި ކަމަށް ބުނެވިދާނެ އެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށްވުމަށް އޭނާ ހުށަހެޅުމުން ވަޒީފާ ނުދިނީ އިންޓަވިއު އިން ފެއިލްވުމުންނެވެ.

"އަސްލު އެމީހުން ކުރި ސުވާލުތަކަށް އަހަރެން ދިން ޖަވާބާމެދު އެމީހުން ހިތްހަމަނުޖެހުނީ. އަހަރެން ބުނިން އެއިރު ވެސް މިހާރު ޖޭއެސްސީ އޮތް ގޮތުން ފަނޑިޔާރުގެ ނުހިންގޭނޭ. އަހަރެން ބުނިން އެއް ގޮތަކީ ޖުޑީޝަލް ސާވިސް ކޮމިޝަން އުވާލުމޭ ނޫނީ ކޮމްޕޮސިޝަން ބަދަލު ކުރުމޭ. އެއިރު އެބޭފުޅުން ހިތްހަމައެއް ނުޖެހުނު. އުއްތަމަ ފަނޑިޔާރު ވެސް އިންނެވި. އެބޭފުޅާ ވެސް އެކަމާ އެއްބަސްވެވަޑައެއް ނުގެންނެވި. އެކަމަކު މިހާރު އުއްތަމަ ފަނޑިޔާރު ވެސް 2014ގައި އެ ދައްކަން ޖެހުނީ އެ ވާހަކަ."

ވަޒީފާއެއް ހޯދުމަށް ކުރި މަސައްކަތުން އައްޔަ އަށް ކުރި ހޯދުނީ ޕްރޮސެކިއުޓާ ޖެނެރަލްސް އޮފީސް (ޕީޖީ އޮފީހަށް) އަށް ވަދެވުމުންނެވެ. އެކަމަކު ދައުލަތުގެ ބައެއް މުވައްޒަފުންގެ މުސާރަ 2009 ވަނަ އަހަރު ކުޑަކުރުމުން އެކަމާ އިހްތިޖާޖު ކުރުމުގެ ގޮތުން އައްޔަ ވަޒީފަ އިން ވަކިވި އެވެ.

"ކަނޑަންޏާ ޖެހޭނެ އެންމެންގެ މުސާރަ ވެސް ކުޑަކުރަން. ވަކި ބަޔެއްގެ އެއް ނޫން. އެހެންވީމާ އެކަމާ ދެކޮޅު ހަދަން އަސްލު ކެނޑުނީ."

ކިޔަވައި ނިންމައިގެން ވަޒީފާ ހޯދުމަށް ކުރި މަސައްކަތުގެ ތެރޭގައި އޭނާ ވަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ އާއި ވިލާ ކޮލެޖާއި ކްލިކް ކޮލެޖަށް ކިޔަވާދޭން ގޮސްފަ އެވެ. ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރުމަށް ޕާޓީ ޓިކެޓް ހޯދަން މަސައްކަތް ފެށީ ވެސް މި ދުވަސްވަރެވެ.

"އަސްލު ޓިކެޓު ހޯދަން މަސައްކަތް ކޮށްފިން 2008 ގެ ފަހުން. އަމިއްލައަށް ވެސް ލާން ނިންމިން. އެކަމަކު ޖުމްހޫރީ ޕާޓީ އިން ޓިކެޓު ލިބުނު މީހާ ޓިކެޓު ދޫކޮށްލާފައި ޓިކެޓު ދިނީ."

އަމިއްލަ ރަށް ކެންދޫ ދާއިރާ ނޫން އެހެން ދާއިރާއަކަށް ވާދަ ކުރާކަށް އައްޔަ ބޭނުމެއްނުވި އެވެ. އެކަމަކު ކެންދޫ ދާއިރާއަށް ވާދަ ކުރާ ނަމަ ކުރިމަތިލާންޖެހެނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ވަރުގަދަ ފަހުލަވާނަކާ އެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ މަގާމަށް ވެސް ވާދަ ކުރައްވާފައިވާ ކެންދޫ ދާއިރާގެ މެންބަރަކަށް 20 އަހަރު ހުންނަވާފައިވާ އަހުމަދު ތަސްމީން އަލީ އެވެ. އެކަމަކު އައްޔަ ޖެހިލުމެއް ނުވެ އެވެ.

"ޖެހިލުންވުމެއް ނެތް. އަހަންނަށް އޮތް ޔަގީންކަމަކީ މަސައްކަތް ކުރެވިއްޖެއްޔާ ކާމިޔާބުވާނެކަން. މި ދާއިރާގެ ކޮންމެ ގެއަކަށް ވެސް ފަސް ވަރަކަށް ފަހަރު ވަދެވިފައި ހުންނާނެ. އަހަރެން ނުދިޔަސް ކެމްޕެއިން ޓީމުން ހުންނާނެ ވަދެފައި. އެމްޑީޕީ ހަރުގެއަށް ވެސް ދިޔައިން. ޒުވާނުންނާ އެކީ އުޅުނިން. އެމީހުންނަށް އެނގޭނެ އެމީހުންގެ މީހެއްކަން މިއީ."

ތަނަވަސް އަގުލަބިއްޔަތަކާ އެކު 408 ވޯޓުގެ ތަފާތުން އައްޔަ ވަނީ ތަސްމީން ބަލި ކުރައްވައިފަ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މިފަހަރުގެ އިންތިހާބުގައި ނުކުތް އެންމެ ހައިރާންކުރަނިވި އެއް ނަތީޖާ އެވެ. މި ކާމިޔާބީގެ ސިއްރަކީ ކޮބައިބާވަ އެވެ؟

"ތަސްމީނާ ހިލާފަށް އަހަންނަށް އެންމެނާ ވެސް އިންޓަރެކްޓް ކުރެވޭނެ. އެމްޑީޕީގެ ހަރުގެއަށް ވެސް އަހަރެން ކެމްޕެއިނުގައި ދިޔައިން. ޒުވާނުންނަށް އެނގޭނެ އަހަންނަކީ އެމީހުންގެ މީހެއްކަން. އަހަރެން އެމީހުންނާއެކީ ބޯވަ ހިފަން ވެސް ދިޔައިން. ފުޓުބޯޅަ ވެސް ކުޅުނިން. އެކަމަކު ތަސްމީން އުޅުއްވާނީ އުޅުއްވީ ބޮޑީގާޑުންނާއެކު. ކެފޭއަކަށް ވެންނެވިޔަސް ތިބޭނެ ދެ ބޮޑީގާޑުން."

ދާއިރާގެ ރައްޔިތުން އައްޔައަށް ކުރި ތާއީދަށް އައްޔަ ރަނގަޅު ބަދަލެއް ދޭން ބޭނުންވެ އެވެ. އެންމެ މުހިންމު ކަމަކީ އޭނާ ކެމްޕެއިން ތެރޭގައި ކުރި ވައުދުތައް ފުއްދުމެވެ.

"އެންމެ މުހިންމު ކަމަކީ ދާއިރާގެ އެންމެނާ ތިން މަހުން އެއް މަހު ބައްދަލު ކުރުން އެމީހުން ގާތަށް ގޮސް. އެއީ އެންމެ މުހިންމު ވައުދު. އެއީ އަހަރެން ގަބޫލު ކުރާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ބިލްތަކަށް ވާހަކަ ދެއްކޭނީ ރައްޔިތުން ބޭނުންވާ ގޮތަށް. ރައްޔިތުން ބޭނުންވާ ގޮތެއް ނޭނގޭނެ އެމީހުން ކައިރިއަށް ނުގޮހެއް."

މަޖިލީހުގައި އައްޔަ އެންމެ އިސްކަންދޭނީ ދާއިރާގެ ރައްޔިތުން ބާރުވެރި ކުރުވުމަށެވެ. އެކަން ކުރުމަށް އޭނާގެ ރޭވުމެއް ވެސް އެބަ އޮތެވެ.

"ބޮޑަށް މި ވިސްނަނީ ގާނޫނުގެ ތެރެއިން ބަޔޮސްފިޔާ ގާނޫނެއް ހަދައިގެން ގްރީން ޓެކްސް އެއް ނެގޭތޯ. ގްރީން ޓެކްސްއެއް ޕަސެންޓު ކަމަށް މި ބަލަނީ. ސްޓޭކް ހޯލްޑާސްއާ ވާހަކަ ދައްކާނަން. އެ އެއް ޕަސެންޓް ބޭނުންކޮށްގެން ނަރުދަމާ ފަދަ އެއްޗެހި ގާއިމް ކުރުން. އެންމެ މުހިންމު ކަމަކީ ތިމާވެށި ރައްކާތެރި ކުރަން ތިބި މީހުން ރައްކާތެރި ކުރުން. ރަށްރަށުގައި ތިބޭ މީހުން ބޮލަށް ނަޖިސް ފެން އަޅައިގެން ހިމާޔަތް ކުރަންޖެހޭ މިޔަރެއް ނުވަތަ އެހެން އެއްޗެއް ނޯންނާނެ."

އައްޔައަށް މިހާރު އާދެވިފައި ހުރި ހިސާބަށް އާދެވުނީ ކެންދޫ ދާއިރާގެ ރައްޔިތުންގެ ވަރަށް ބޮޑު އިތުބާރެއް އޭނާއަށް ކުރީމަ އެވެ. އެކަމާ އޭނާ ދާއިރާގެ ރައްޔިތުންނަށް ޝުކުރުވެރިވެ އެވެ.

"ކެންދޫ ދާއިރާ ރައްޔިތުން އަހަންނަށް ތި ކުރި އިތުބާރަށްޓަކައި ފަށްފަށުން ޝުކުރިއްޔާ. ތި އިތުބާރު ދަމަހައްޓަން އަހަރެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަންނަށް ވޯޓު ލީ މީހުންނާއި ވޯޓު ނުލާ މީހުންނާއި ތަފާތު ސަބަބުތަކާ ހުރެ ވޯޓުލާން ނުދެވުނު މީހުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރިއްޔާ. އެ އެންމެންގެ ހައްގުގައި އަހަރެން މަސައްކަތް ކޮށްދޭނަން."