31 Mar 2014, 01:09
ފުލުހުން ތަހުގީގު ކުރާ މައްސަލަތައް ޝަރުއީ މަރުހަލާއިން އަވަހަށް ނުނިމޭނަމަ އަމަންއަމާންކަމާ ސުލްހަމަސަލަސްކަން ގާއިމްވެގެންދާނެ ކަމުގެ އެއްވެސް ހިތްހަމަޖެހުމެއް ރައްޔިތުންނަށް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 81 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އިސްކަންދަރު ކޮށީގައި މިރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ފުލުހުން ކިތަންމެ ހިތްވަރާ އެކު މަސައްކަތް ކުރިނަމަވެސް އެ މަސައްކަތް ހަގީގަތަކަށް ވެގެން އަންނަނީ ޝަރުއީ މަރުހަލާއިން އިންސާފުވެރިކަމާ އެކީ އެ މައްސަލަތައް ނިމިގެން ކަމަށެވެ.
"މިކަންކަން އަޅުގަނޑުމެންގެ ތެރޭގައި ނުވާކަމަށް ވަންޏާ ފުލުހުންގެ ހިތްވަރު ކިތަންމެ ގަދަނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އަމަނާއި ސުލްހަ ގާއިމްވެގެންދާނެ ކަމާ ދޭތެރޭ އެއްވެސް މީހެއްގެ ހިތްހަމަޖެހުމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
ފުލުހުންގެ މަސައްކަތް އިތުރަށް ފުރިހަމަކުރުމަށް ބޭނުންވާ ގާނޫނުތައް ފާސްކޮށްދެއްވުމަށް ރައީސް މިރޭ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ރައީސް ވިދާޅުވީ ކޮންމެ ބައެއްގެ މަސައްކަތަށް ވެސް ފުރިހަމަކަމެއް އަންނާނީ އެބަޔަކު ކުރާ މަސައްކަތަށް ފާޑުކިޔުންތަކެއް އަމާޒުވެގެން ކަމަށާއި އެގޮތުން އެކި ފަރާތްތަކުން ފުލުހުންނަށް ވެސް ފާޑު ކިޔާނެ ކަމަށެވެ. އަދި ފާޑުކިޔުމަކީ ފުލުހުންގެ މުއައްސަސާ އިތުރަށް ތަރައްގީކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ގެދޮރުވެރި ކުރުމުގެ ވަސީލަތްތައް މި ސަރުކާރުން ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި އޭގެއިތުރުން ފުލުހުންނަށް ދިމާވާ އެހެނިހެން ބޮޑެތި މައްސަލަތަކުގައި ވެސް ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނީ މިޒަމާނުގެ ޓެކްނޮލޮޖީ ފުލުހުންގެ މުއައްސަސާގައި ގާއިމްކޮށްގެން ކަމަށާއި "ސްޓޭޓް އޮފް ދި އާޓް ޓެކްނޮލޮޖީ" ފުލުހުންނަށް އިންވެސްޓް ކުރުމަކީ ސަރުކާރުން އަހަންމިއްޔަތުދޭ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.