30 Mar 2014, 23:38
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފުވެގެން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދައްކާފައި ވާކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާފައި މިދިޔަ އަހަރުގެ މާޗް މަހުން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ޓްރެކްފިކް ގަވާއިދުތަކާއި ހިލާފުވެގެން 31،000 އަށްވުރެ ގިނަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅައި ޖޫރިމަނާ ކުރެވިފައިވާ ކަމަށެވެ.
"ގާނޫނާއި ގަވާއިދުތަކާ ހިލާފުވެގެން ޖޫރިމަނާ ކުރެވި، ޖޫރިމަނާގެ ގޮތުގައި 10،454،775ރ. މީރާ އަށް ދައްކާފައިވޭ،" ފުލުހުންގެ ރިޕޯޓުގައި ވެއެވެ.
މަގުމައްޗަކީ ރައްޔިތުންނަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރި މަސައްކަތުން، 76،735 އުޅަނދެއް ފާސްކޮށް، ގަވާއިދާ ހިލާފަށް ޕާކްކުރުމުގެ ސަބަބުން 10،594 އުޅަނދެއްގައި ސްޓިކާ ޖަހާފައިވާއިރު، ޓްރެފިކްގެ މައްސަލަތަކުގައި 11،301 މީހެއްގެ ލައިސަންސް ހިފަހައްޓައި ޖޫރިމަނާ ކުރެވިފައިވާ ކަމަށް ވެއެވެ. އަދި ލައިސެންސް ނެތިގެން ދުއްވި 2،467 މީހަކާއި މެދު ފިޔަވަޅު އަޅާފައި ވާ ކަމަށާއި އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 326 ކުއްޖަކު ހިމެނޭ ކަމަށްވެސް ފުލުހުންގެ ރިޕޯޓުގައި ވެއެވެ.
އެ ރިޕޯޓުގައި ވަނީ، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި މަގުމަތީގައި ބާރު ސްޕީޑުގައި ދުއްވައިގެން 334 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، 351 އުޅަނދެއް ޓޯކުރެވިފައިވާ ކަމަށެވެ. އަދި 1،593 އެކްސިޑެންޓެގެ މައްސަލަ ހުށަހެޅިފައިވާ ކަމަށް ވެސް ފުލުހުންގެ ރިޕޯޓުގައި ވެއެވެ.
ވޭތުވެދިޔަ އަހަރު މަސްތުވާތަކެތީގެ ވަބާއިން ދިވެހި ޒުވާނުންނާއި ގައުމު ސަލާމަތް ކުރުމަށްޓަކައި ވެސް ހަރުދަނާ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް 30 އެތަށް އޮޕަރޭޝަނެއް ހިންގި، މަސްތުވާތަކެތި އެތެރެކުރި 19 މީހަކު އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންތަކުގައި 30 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެވިފައި ވާކަމަށް ވެސް ރިޕޯޓުގައި ވެއެވެ.
"އޮޕަރޭޝަންތަކުގައި 4353 ރަބަރު ޕެކެޓާއި، 1،107 ބުލެޓު ޕެކެޓާއި 1،295 ސެލޯފިންކޮޅާއި 21 ތެޔޮ ބިޑިއާއި 55 ތެޔޮ ދަޅު އަތުލައިގެނެވިފައިވޭ. ބަނގުރާ ފުޅިއާއި ދަޅު ހިމެނޭ ގޮތުން، 4،542 ފުޅި އަތުލައިގެނެވުނު. 20 ލީޓަރު ހަމުގެ ރާ އަތުލައިގެނެވުނު،" ފުލުހުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 79 ގެސްޓް ހައުސް ބަލައި ފާސްކޮށް، 12 ސަފާރީއަކާއި 15 ރެސްޓޯރަންޓެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި ކޯޓު އަމުރުގެ ދަށުން 123 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ވެއެވެ. އަދި އެ މައްސަލަތަކުގެ ތުހުމަތުގައި 1،357 ދިވެހިންނާއި 89 ބިދޭސީންގެ އިތުރުން، 18 އަހަރުން ދަށުގެ 31 ކުއްޖަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ 81 ވަނަ އަހަރީ ދުވަހާ ގުޅިގެން ތައްޔާރު ކޮށްފައިވާ ރިޕޯޓުގައި ވެއެވެ.