30 Mar 2014, 23:31
މައިކްރޮސޮފްޓްގެ އޮފީސް ސޮފްޓްވެއާ ސޫޓް؛ ވަރޑް، އެކްސެލް އަދި ޕަވަރޕޮންޓް، އައިޕެޑް އަށް ނެރެފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާގެ ސެންފްރަންސިސްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިކްރޮސޮފްޓް ގެ އޮފިޝަލުން ވަނީ އައިޕެޑަށް ހާއްސަކޮށް ފަރުމާކޮށްފައިވާ އޮފީސް ގެ “ޓަޗް ފަސްޓް” އެޕްލިކޭޝަންތައް ދައްކައިލައިފައެވެ. ހަމަ އެ ދުވަހު އެޕަލްގެ އައިޓިއުންސް ސްޓޯރ އިން އޮފީސް ސޮފްޓްވެއާތައް ލިބެން ވަނީ ފަށައިފަ އެވެ.
މައިކްރޮސޮފްޓް ވަރޑް، މައިކްރޮސޮފްޓް އެކްސެލް އަދި މައިކްރޮސޮފްޓް ޕަވަރޕޮއިންޓް ގެ އެޕްލިކޭޝަންތައް އައިޓިއުންސް ސްޓޯރ އިން ހިލޭ ޑައުލޯޑް ކުރެވޭއިރު، ހިލޭ ލިބޭ ވަރޝަންތައް ބޭނުންކުރެވެނީ ހަމަ އެކަނި ޑޮކިއުމަންޓް ހުޅުވައި ބަލައިލާށެވެ. ޑޮކިއުމަންޓްތަކަށް ބަދަލުގެންނަން ބޭނުންނަމަ ޖެހޭނީ 70 ޑޮލަރަށް ވިއްކާ އޮފީސް 365 ސަބްސްކްރިޕްޝަންއެއް ގަންނާށެވެ.
އައިޕެޑަށް އޮފީސް ސޫޓް ހުޅުވާލިތާ އިރުކޮޅެއްގެ ތެރޭގައި އެޕަލްގެ އެޕް ސްޓޯރ އިން އެންމެ ގިނައިން ޑައުންލޯޑް ކޮށްފައިވާ އެޕްލިކޭޝަންއަށް ވަރޑް ވަނީ ވެފައެވެ. އަދި އެކްސެލް އާއި ޕަވާޕޮއިންޓް ވަނީ އެ ލިސްޓްގެ ތިނަވަނަ އަދި ހަތަރުވަނައިގައި ހިމެނިފައެވެ.
މިހާތަނަށް މި ތިން އެޕްލިކޭޝަން ޑައުންލޯޑްކޮށްފައިވާ ފަރާތްތަކުގެ ހަމަ އެކަނި 10 އިންސައްތަ މީހުން އޮފީސް ސޫޓް 360 ސަބްސްކްރިޕްޝަން ގަތުމުން ވެސް މައިކްރޮސޮފްޓް އަށް 1.1 ބިލިއަން އާއި 1.5 ބިލިއަން ޑޮލަރުގެ ފައިދާ ލިބޭނެކަމަށް މާހިރުން ބުނެއެވެ.
އައިޕެޑަށް އޮފީސް އެޕްލިކޭޝަންތައް ތައާރަފް ކުރުން ލަސްވުމުގެ ސަބަބުން ގިނަ ބަޔަކު އައީ މައިކްރޮސޮފްޓަށް ފާޑުކިޔަމުންނެވެ. އަދި ވިންޑޯސް ފިޔަވައި އެހެން ޕްލެޓްފޯމްތަކަށް އޮފީސް ދޫކުރަން ޖެހިލުންވުން އެއީ ވޭތު ވެދިޔަ އަހަރުތަކުގައި މައިކްރޮސޮފްޓަށް ލިބުނު ގެއްލުމެއް ކަމުގައި އިންޑަސްޓްރީ ދިރާސާކުރާ ގިނަ ބަޔަކު ދެކެއެވެ.
މައިކްރޮސޮފްޓްގެ ޗީފް އެގްޒެޓިވް ސަޓިޔާ ނަޑެއްލާ ބުނި ގޮތުގައި އޮފީސް އެޕްލިކޭޝަންތައް ތައާރަފް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ކަސްޓަމަރުންނަށް އެކި ޑިވައިސްތަކުގައި އެއް ފަހަރާ އެއް ސޮފްޓްވެއާ އެއް ބޭނުން ކުރުމުގެ ފުރުސަތު ހުޅުވައިލުމެވެ. މީގެ ސަބަބުން ކަސްޓަމަރުންގެ އުފެއްދުންތެރިކަން، ނުވަތަ ޕްރޮޑަކްޓިވިޓީ އިތުރުވާނެ ކަމަށް ނަޑެއްލާ ބުންޏެވެ.
“ވަރަށް ފަރުވާތެރިކަން ބަހައްޓައިގެން، އޮފީސް އަކީ ކޮންމެ ޑިވައިސްއެއްގައި ވެސް ދަޅައަޅާ ވިދާ އެޕްލިކޭޝަނަކަށް ހެދުމަށް އިސްކަން ދޭނަން،” ނަޑެއްލާ ބުންޏެވެ.