ކުށުގެ ވެށީގައި ނުރައްކާތެރި ހަތިޔާރު ގެންގުޅޭއިރު، ފުލުހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން ބޭނުންވާ އާލާތްތަކާއި ހަތިޔާރު ނެތް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު މިރޭ ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އިސްކަންދަރުކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ ބަވަނަ ވެފައިވާ ދުނިޔޭގައި ކުރި އަރަމުން އަންނަ ޓެކްނޮލަޖީގައި ޒަމާނީ ބަދަލުތަކަށް ފެތޭ ގޮތަށް ފުލުހުންގެ ހިދުމަތް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ސަރަހައްދަށް ވަގަށް ވަދެ މަސްތުވާތަކެތި އެތެރެ ކުރުމަށް ހިންގަމުންދާ ނުރައްކާތެރި އަމަލަތުތައް ހުއްޓުވޭނެ ގޮތަކަށް ފުލުހުންގެ ހިދުމަތް ތަރައްގީ ކުރަން ޖެހިފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އެގޮތުން ކުށުގެ ވެށީގައި ކަނޑި އާއި ލޮންސި އާއި ވަޅިފަދަ ނުރައްކާތެރި ހަތިޔާރު ގެންގުޅޭއިރު ފުލުހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން ބޭނުންވާ ހަތިޔާރާއި އާލަތްތައް ނެތްކަން ސީޕީ ފާހަގަ ކުރެއްވި އެވެ.

"ކުށުގެ ވެށީގައި ކަނޑިއާއި ލޮންސި އާއި ވަޅިފަދަ ނުރައްކާތެރި ހަތިޔާރު ގެންގުޅޭއިރު އެކަންކަމީ ފުލުހުންގެ ހިދުމަތަށް ބަދަލު ގެންނައިރު އިސްކަންދޭންޖެހޭ ކަންތައްތައް. އެބަދުލަތަކާ އެއްގޮތަށް ފުލުހުންގެ ކަންކަން ބައްޓަންކުރާއިރު ފުލުހުންގެ ސަލާމަތާއި ރައްކާތެރި ކަމަށް ކޮންމެހެން ބޭނުންވާ ހަތިޔާރާއި އާލަތްތައް ނެތް ކަން އާޅުގަނޑު ފާހަގަ ކުރަން،"ހުސައިން ވަހީދު ވިދާޅުވި އެވެ.

އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަންތަކުގައި ވެސް އެކަށީގެންވާ ވަސީލަތްތައް ނެތުމަކީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް ކަން ފާހަގަ ކުރައްވައި ހުސައިން ވަހީދު ވިދާޅުވީ 2012 ވަނަ އަހަރު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އައްޑު އާއި ގދ. ތިނަދޫގައި ހުރި ޕޮލިސް ސްޓޭޝަންތަކުގައި ހުޅުޖަހައި އަދި އެހެނިހެން ރަށްތަކުގައި ހުރި ފުލުހުންގެ ވެހިކަލް ތަކުގައި ހުޅުޖެހި ހާދިސާއާ ގުޅިގެން އުމްރާނީ ގޮތުން ލިބުނު ގެއްލުންތަކުން އަރައިނުގަނެވޭ ކަމަށެވެ.

ގިނަ ރަށްރަށުގައި ޕެޓްރޯލު ކުރާނެ ވެހިކަލެއް ނެތުމުން އެ ރަށް ރަށަށް ރައްކާތެރި ވެއްޓެއް ގާއިމުކޮށް ދިނުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް ކޮމިޝަނާ އޮޕް ޕޮލިސް ވިދާޅުވި އެވެ. އެގޮތުން ފުލުހުންގެ އަސާސީ ކަންތައްތަކަށް ބޭނުން ކުރާނެ ކޮމްޕިއުޓާ ސިސްޓަމްތަކާއި ތަހުގީގަށް ބޭނުން ކުރާނެ ވަސީލަތްތައް ނެތް ކަން ފާހަގަ ކުރެވި އެވެ.

"ރައްޔިތުންގެ ހިދުމަތުގައި ފުލުހުން ދެމިތިބޭއިރު ބޮދެތި ސީންތަކަށް ގޮސް ޕެޓްރޯލުކޮށް ހަދަނީ ފުލުހުންގެ އަމިއްލަ ސައިކަލުތަކުގައި ކަމީ ގައުމީ ހިދުމަތައް ފުލުހުން އިސްކަންދޭ މިންވަރު ހާމަވާ ކަމެއް،" ސީޕީ ވަހީދު ވިދާޅުވި އެވެ.

ހުސައިން ވަހީދު ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރީކޮށް އެތަކެތީގެ ބޭނުންކުރާ ފަރާތްތައް ހޯދުމަށް އަތް ފުނާއަޅަންޖެހުނު ކޮންމެ ތަނެއްގައި އަތްފުނާއަޅާނެ ކަމަށާއި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ފުލުހުން ބައިތިއްބައިގެން ކުރަންޖެހޭ ކަންކަން ކުރަން ފަސްނުޖެނޭ ކަމަށެވެ. އެގޮތުން މި މަހުގެ ކުރީކޮޅު ކަނޑު މަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 24 ކިލޯގެ މަސްތުވާތަކެތި އަތުލައި ގަތުމަށް ފުލުހުން ހިންގި އޮޕަރޭޝަނަކީ ފާހަގަ ކޮށްލެވޭ އޮޕަރޭޝަނެއް ކަމަށް ވިދާޅުވި އެވެ.

ރާއްޖެ އެތެރެ ކުރުން މަނާ ބާވަތްތަކުގެ ޖަނަވާރުތައް ފަހަކަށް އައިސް ރާއްޖެ އެތެރެކުރާ މައްސަލައާ ގުޅިގެން ސީޕީ ވިދާޅުވީ އެފަދަ ކުށްތަކުން މިގައުމު ސަލާމަތް ކުރުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށެވެ.

ފުލުހުން ކުރާ މަސައްކަތްތައް އިތުރަށްފުޅާކޮށް ކުރުމަށް މަޖިލިސް ތެރޭ ނުނިމި ތާށިވެފައި ހުރި ބިލުތަކުގެ މަސައްކަތް ކޮށްދެއްވުމަށް އާ މަޖިލިސް މެމްބަރުންގެ ކިބައިން ކޮމިޝަނާ އޮޕް ޕޮލިސް ވަނީ އެދިވަޑައިގަންފަ އެވެ.