ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ޗެލްސީ ބަލިވުމުން، މި ސީޒަންގެ ޕްރިމިއާ ލީގު ކާމިޔާބުކުރު މުގެ ފުރުސަތު އެޓީމަށް ގެއްލިފައިވާ ކަމަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.

ޕެލަސްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗަށް ފަހު، އަދިވެސް ޗެލްސީއަށް ލީގު ކާމިޔާބު ކުރެވިދާނެތޯ ނޫސްވެރިން ސުވާލުކުރުމުން މޮރީނިއޯ ބުނީ، "މިހާރު ލީގު ކާމިޔާބުކުރުމަކީ ވާނެކަމެއް ނޫން،" ކަމަށެވެ.

އިނގިރޭސި ލީގު ޗެމްޕިއަންކަން 2010/2009ގެ ސީޒަންގައި ކާމިޔާބު ކުރި ޗެލްސީއަށް އެސީޒަންގެ ފަހުން އަދި ލީގު ޓްރޮފީގައި ބީހިލެވޭ ވަރެއް ނުވެއެވެ. ރޭގެ މެޗަށް އެޓީމު ނުކުތްއިރު ތާވަލުގެ ކުރީގައި އޮވެ ހަތަރު ޕޮއިންޓަށް ލީގު ފުޅާކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް ޗެލްސީއަށް ވަނީ އެފުރުސަތު ގެއްލިފަ އެވެ.

"އަހަރެމެން އެހެން މެޗުތަކުގެ ނަތީޖާއަށް މާބޮޑަށް ބުރަވަނީ،" އޭނާގެ ކުޅުންތެރިންގެ ވިސްނުމުގައި އަމިއްލަ ބާރުގައި ޓައިޓްލް ހޯދުމުގެ ވިސްނުން ނެތްކަމަށް ސިފަކުރަމުން ޗެލްސީގެ ޕޯޗްގީޒް ކޯޗު ބުންޏެވެ. "ހިސާބު ޖަހައިގެން ބަލާނަމަ އަދިވެސް ލީގު ހޯދުމުގެ ފުރުސަތު އެބައޮތް. އެކަމަކު އެކައްޗަކީ ހިސާބު އަދި އަނެކައްޗަކީ ހަގީގަތް."

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އެންމެ ފަހުން ކުޅުނު ހަ މެޗުގެ ތެރެއިން ރޭ ޗެލްސީގެ މައްޗަށް ހޯދި ކާމިޔާބާ އެކު ރެލިގޭޝަނާ ފަސް ވަރަކަށް ޕޮއިންޓު ދުރުގައި އޮތް ޕެލަސް އަށް ވަނީ، ލީގުގައި ފައިތިލަ ސާބުތުކުރުމަށް އިތުރު ހިތްވަރެއް ލިބިފަ އެވެ. ރޭގެ މެޗުގައި އެޓީމު މޮޅުވި ލަނޑަކީ، އެޓީމުގެ ޖޯވާޑްސް ޗެލްސީގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މޮރީނިއޯ ބުނީ، އޭނާގެ ޓީމުގެ އެންމެ ބޮޑު މައްސަލައަކީ ނަފްސާނީ ގޮތުން ކުޅުންތެރިން މެޗަށް ރަނގަޅަށް ތައްޔާރު ނުވުން ކަމަށެވެ.

"އަހަރެމެން އެބަޖެހޭ ނަފްސާނީ ގޮތުން ނާއި އަދި ކުޅުމުގެ ފެންވަރުވެސް ކުޑަކޮށް ރަނގަޅު ކޮށްލަން،" ރޭގެ މެޗުގައި އިދިކޮޅު ޓީމުން ޗެލްސީ ބަލިކުރީ ނަފްސާނީ ގޮތުންވެސް ވަރުގަދަ ގޭމެއް ކުޅެގެންކަމަށް ސިފަކުރަމުން މޮރީނިއޯ ބުންޏެވެ. "ކްރިސްޓަލް ޕެލަސް ކުޅުންތެރިން ތިބީ ނަފްސާނީ ގޮތުން ވަރުގަދަ އަޒުމެއްގައި. އަދި މޮޅުވާން ކުރަންޖެހޭ ހުރިހައި ކަމެއް އެމީހުން ކުރި."

ރޭގެ މެޗުން ބަލިވި ނަމަވެސް މޮރީނިއޯ ވަނީ، ހުރިހާ މެޗުތަކެއްގައި ހެން އެއް ފެންވަރެއްގައި ކުޅުން ދައްކަމުން އަންނަކަމަށް ބުނެ އެޓީމުގެ ޑިފެންޑަރު، ބްރިނިސްލަވް އިވަނޮވިޗް، ސީޒާ އަޒްޕިލިކުއެޓާ، ޓެރީ އަދި ގެރީ ކެހިލް ފަދަ ކުޅުންތެރިންނަށް ތައުރީފް ކޮށްފަ އެވެ. އެހެން ނަމަވެސް ޗެލްސީއާ ދެވަނަ ފަހަރަށް ހަވާލުވެގެން އުޅޭ ކޯޗު ބުނީ، އޭނާގެ ބައެއް ކުޅުންތެރިންގެ ފަރާތުން ދެމެޗެއްގައި އެއްފެންވަރަކަށް ކުޅުން ނުފެންނަ ކަމަށެވެ.

"ބައެއް މެޗުތަކުގައި މަރަށް މޮޅަށް ކުޅޭ ކުޅުންތެރިން ތިބޭނެ، އަނެއްބައި މެޗުތަކުގައި ގެއްލިފައި،" މޮރީނިއޯ ބުންޏެވެ.

ރޭގެ މެޗުގައި ޕެލަސް އަތުން ބަލިވެފައިވާއިރު ޗެލްސީއަށް ލީގުގައި ބާކީ އޮތީ، ހަ މެޗެވެ. އެގޮތުން އެޓީމު ވާދަކުރަން ޖެހޭ ޓީމު ތަކުގެ ތެރޭގައި، ސްޓޯކް ސިޓީ، ސްވާންސީ ސިޓީ، ސަންޑަލޭންޑް، 71 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މިހާރު އޮތް ލިވަޕޫލް، ނޯވިޗް ސިޓީ އަދި ކާޑިފް ސިޓީ ހިމެނެ އެވެ.

ޓޮޓެންހަމްގެ މައްޗަށް މިރޭ ހޯދި ކާމިޔާބާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލާފައިވާއިރު، ތާވަލުގެ ދެވަނައިގައި ޗެލްސީ އޮތީ 69 ޕޮއިންޓާއެކު އެވެ. އަދި ޗެލްސީއަށް ވުރެ ދެ މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ ތާވަލުގެ ތިންވަނައިގައި އޮތީ 67 ޕޮއިންޓާއެކު އެވެ.