ހުޅުމާލޭގައި އެސްޓީއޯ އިން އިމާރާތް ކުރަމުން އަންނަ ފަސް ތަރީގެ ހޮޓާ ދެ ފިޔަވައްސަކަށް ބަހާލައިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު އާދަމް އާޒިމް މިރޭ "ސަން" އަށް ވިދާޅުވީ، އެސްޓީއޯގެ ވިސްނުން މިހާރު ހުރީ އެ ހޮޓާ އެއްކޮށް ނުނިމުނު ނަމަވެސް ބައެއް ރޫމްތައް ނިންމައި ހިދުމަތް ދޭން ފެށުން ކަމަށެވެ. އަދި އެ އިމާރާތް އެއްކޮށް ނިންމައި ހުޅުވޭވަރު ވާނީ އޭޕްރީލް މަހުގެ ތެރޭގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ރޫމްތައް ނިންމައި ކުއްޔަށް ދޭން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފެށޭނެ ކަމަށް މިބަލަނީ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މަޑު ޖެހިފައިވާ އެހޮޓަލުގެ މަސައްކަތް މިހާރު ވަރަށް ބާރަށް ކުރަމުންދާ ކަމަށެވެ.

އެސްޓީއޯ ހުޅުމާލޭ ހޮޓަލަކީ މިދިޔަ އަހަރު ހުޅުވުމަށް ކުރިން ނިންމި ހޮޓަލެކެވެ. ނަމަވެސް ތަފާތު ސަބަބު ތަކާހުރެ އެމަސައްކަތް ވަނީ ލަސްވެގެން ގޮސްފަ އެވެ.

ފަސް ތަރީގެ ހޮޓާ އިމާރާތް ކުރުމަށް ޓަކައި އެކްސްޕޯޓް އިމްޕޯޓް ބެންކް އޮފް ތައިލެންޑް (އޭއެކްސްއައިއެމް) އިން އެސްޓީއޯ އަށް 32 މިލިއަން ޑޮލަރު (493 މިލިއަން ރުފިޔާ)ގެ ލޯނެއް ނަގާފައި ވެއެވެ.

އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަމުން އަަންނަ ފަސްތަރީގެ 500 އެނދުގެ ހޮޓާ މެނޭޖްކޮށް ބަލަހައްޓާނީ ދުނިޔޭގެ ގިނަ ހޮޓާތަކެއް މެނޭޖްކޮށް، ބަލަހައްޓަމުން އަންނަ އެމެރިކާގެ ކާލްސަން ގްރޫޕުންނެވެ.

އެ ހޮޓާ އިމާރާތް ކުރަމުން ގެންދަނީ ރާއްޖޭގެ ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ އަމީން ކޮންސްޓްރަކްޝަންއިންނެވެ.