30 Mar 2014, 21:29
ޓެލްއަވީވް (މާޗް 30) : އިސްރާއީލާއި އެމެރިކާއާ ދެމެދުގައިވާ ސްޓްރެޓީޖިކް ގުޅުންތައް ދެމެހެއްޓުމާ ބެހޭ ގޮތުން އިސްރާއީލުގެ އިސްވެރިންނާ މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ޓަކައި އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޖެނެރަލް މާޓިން ޑިމްޕްސީ އިސްރާއީލަށް ވަޑައިގެންފި އެވެ.
އިސްރާއީލުގެ ދިފާޢީ ވުޒާރާ ބުނާ ގޮތުން ޑިމްޕްސީ މިދަތުރުފުޅުގައި އެގައުމުގެ ދިފާޢީ ވަޒީރު މޯޝޭ ޔުއަލޫން އާއި ޢަސްކަރީ އިސްމަސްއޫލުވެރިންގެ އިތުރުން ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ އާވެސް ޑިމްޕްސީ ބައްދަލުކުރައްވާނެ އެވެ. އަދި އިސްރާއީލުގެ ރައީސް ޝަމްޢޫން ޕެރޭޒްގެ އަރިހަށް ޑިމްޕްސީ، އިހްތިރާމްގެ ޒިޔާރަތެއް ވެސް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އިސްރާއީލުގެ ދިފާޢީ ވުޒާރާއިން ބުނެ އެވެ. ޑިމްޕްސީ މިދަތުރުފުޅަކީ އިސްރާއީލުގެ ދިފާޢީ ވަޒީރު މޯޝޭ ޔުއަލޫން އެމެރިކާއާ ބެހޭ ގޮތުން ދާދިފަހުން ދެއްވި ހަރުކަށި ބަޔާނަށް އެމެރިކާގެ ޚާރިޖީ ވަޒީރު ރުޅިވެރިކަމާ އެކު ރައްދު ދެއްވިފަހުން އިސްރާއީލުގެ އިސްމަސްއޫލުވެރިއަކު އިސްރާއީލަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިމަހުގެ 18 ވަނަ ދުވަހު އިސްރާއީލުގެ ޓެލްއަވީވް ޔުނިވަރސިޓީގައި ދެއްވި ލެކްޗަރއެއްގައި ޔުއަލޫން ވަނީ ބައިނަލްއަގްވާމީ ބޮޑެތި އަދި ސްޓްރެޓީޖިކް މައްސަލަތަކުގައި ގޮތްކިޔައި އެންމެ ފަހު ބަސްބުނުމުގެ ގާބިލްކަން އެމެރިކާގެ ކިބައިގައި ކުޑަވެ ދުނިޔޭގައި އެމެރިކާގެ ބާރާއި ނުފޫޒު ކުޑަވަމުންދާ މަންޒަރު މިހާރު ފެންނަމުންދާތީ އިސްރާއީލުގެ ހިމާޔަތާއި ރައްކާތެރިކަމަށް ޓަކައި އެމެރިކާއަށް ބަރޯސާވުމާ މެދު ވިސްނަންޖެހިފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
އެލެކްޗަގައި ޔުއަލޫން ވަނީ ދުނިޔޭގައި ހިނގަމުންދާ ބޮޑެތި އަދި ސްޓްރެޓީޖިކް މައްސަލަތަކުގައި އެމެރިކާ އަށް ލީޑްރޯލު އަދާނުކުރެވޭ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ސިފަކުރައްވައި އީރާނުގެ ނިއުކްލިޔާ މައްސަލައިގެ އިތުރުން މިހާރު އުފެދިފައިވާ ޔުކްރޭންގެ މައްސަލައިގައި ވެސް އެމެރިކާގެ ބާރާއި ނުފޫޒު ހީނަރުވެ އެމެރިކާ ފަހަތަށް ޖެހޭ މަންޒަރު ފެންނަމުންދާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ.
ޔުއަލޫންގެ މިވާހަކަތަކާ މެދު ހިތާމަކުރާ ކަމަށް އެމެރިކާގެ ޚާރިޖިއްޔާއިން ވަނީ ބުނެފަ އެވެ. އަދި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ވަރަށް ކޯފާވެވަޑައިގެން މިމައްސަލާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫއާ ފޯނުންގުޅުއްވައި ޔުއަލޫންގެ ވާހަކަތަކަށް އޭނާ މައާފަށް އެދިވަޑައިގަންނަވަން ޖެހޭނެ ކަން ނަތަނިޔާހޫ އަށް ދަންނަވާފަ އެވެ. ނަމަވެސް އެމެރިކާއާ ދެކޮޅަށް ދެއްކެވި މިވާހަކަތަކަށް މަޢާފަށް އެދިވަޑައިގަތުމުގެ ބަދަލުގައި ޔުއަލޫން ވިދާޅުވެފައި ވަނީ އޭނާގެ ވާހަކަތަކުގެ ސަބަބުން އެމެރިކާ އާއި އިސްރާއީލުގެ ގުޅުންތަކަށް ހީނަރުކަމެއް އަންނަ ނަމަ އެކަމާ މެދު ހިތާމަކުރައްވާނެ ކަމުގަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު އެދިވަޑައިގަތް ގޮތަށް އެމެރިކާގެ ކިބައިން މަޢާފަށް އެދިވަޑައިގަތުމަށް ޔުއަލޫން ވަނީ ކަނޑައެޅިގެން ދެކޮޅުހައްދަވާފަ އެވެ.
ޔުއަލޫންގެ ދެކޮޅު ހެއްދެވުމާ ގުޅިގެން އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނާ ޖެނިފާ ބެސާކީ ވަނީ ކަންބޮޑުވެ މާޔޫސްވެވަޑައިގަންނަވާކަން ހާމަކުރައްވާފަ އެވެ. މިމައްސަލާގައި އެމެރިކާ މިހާކަންބޮޑުވެ ވާހަކަ ދެއްކި ނަމަވެސް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ވެސް އަދި އިސްރާއީލުގެ ރައީސް ޝަމްޢޫން ޕެރޭޒް ވެސް މިކަމާބެހޭ ގޮތުން ބަޔާނެއް ދެއްވާފައެއް ނުވެ އެވެ.
އެމެރިކާ ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް މާޓިން ޑިމްޕްސީ އިސްރާއީލަށް މިހާރު ފައްޓަވާފައިވާ ދަތުރުފުޅުގައި ޔުއަލޫން، އެމެރިކާގެ ހައިބަތާއި ބާރަށް ނިކަމެތިކަންލިބޭ ގޮތަށް ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެކަން ނުވަތަ ނޫންކަން އެދެގައުމުން ހާމަކޮށްފައެއްނުވެ އެވެ. ޑިމްޕްސީ އިސްރާއީލުގެ އިސްވެރިންނާ ކުރައްވާ މަޝްވަރާތަކުގައި ދެގައުމުގެ ޢަސްކަރީ ގުޅުންތައް ހަރުދަނާކުރުމާއި އެމެރިކާގެ އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ހަތިޔާރު އިސްރާއީލަށް ފޯރުކޮށްދިނުމުގެ މަޝްވަރާތަކުގެ އިތުރުން ޢަރަބި އިސްލާމީ ދުނިޔެއާ ކުރިމަތިލުމުގައި އިސްރާއީލަށް ހިމާޔަތް ދިނުމުގައި އެމެރިކާގެ ޖާމިނުވުން ލިބޭނެކަމުގެ އިތުރު ޔަގީންކަން ވެސް ޑިމްޕްސީ ދެއްވާނެ ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)