30 Mar 2014, 18:02
އަންނަ މޭ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތައް މިއަދު ފަށައިފި އެވެ.
ހެންވޭރު ބޯޅަ ދަނޑުގައި މިއަދު ހަވީރު 5:00ގައި ފެށި ފަރިތަކުރުންތަކުގައި ބައިވެރިވެފައި ވަނީ ސްކޮޑަށް ނެގި 30 ކުޅުންތެރިންގެ ތެރެއިން 15 ކުޅުންތެރިންނެވެ.
ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗު ކްރޮއޭޝިއާގެ ޑްރާގޯ މަމިޗްގެ އިރުޝާދުގެ ދަށުން މިއަދު ފެށި ފަރިތަކުރުންތަކުގައި ބައިވެރި ނުވަނީ މާޒިޔާ އާއި ނިއުގެ ކުޅުންތެރިންނާއި ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އެވެ. މާޒިޔާ އާއި ނިއުގެ ކުޅުންތެރިން ބައިވެރިނުވަނީ އެ ދެ ކްލަބަށް އޭއެފްސީ ކަޕްގެ މެޗުތައް ކުރިއަށް އޮތީމަ އެވެ. އަދި ޓީމުގެ ކެޕްޓަން ދަނގަޑޭ ފަރިތަކުންތަކުގައި ބައިވެރިވެފައި ނުވަނީ މެލޭޝިއާގެ ޕްރިމިއާ ލީގުގެ ޕީޑީއާރްއެމް އަށް މިދުވަސް ކޮޅު އޭނާ ކުޅެމުން އަންނާތީ އެވެ. އެހެން ނަމަވެސް ދަނގަޑޭ ގައުމީ ޓީމާ ގުޅޭނެ ވަކި ދުވަހެއް އަދި ނޭނގެ އެވެ.
ޗެލެންޖް ކަޕަށް މިއަދު އެފްއޭއެމްއިން އެކުލަވާލި ގައުމީ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑުގައި ހިމެނެނީ މާޒިޔާގެ 11 ކުޅުންތެރިންނާއި ނިއުރޭޑިއަންޓުގެ 11 ކުޅުންތެރިންގެ އިތުރުން، ކްލަބް އީގަލްސްގެ ފަސް ކުޅުންތެރިންނާއި ބީޖީ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް، ކޮންމެ ޓީމަކުން އެއް ކުޅުންތެރިއެކެވެ. އަދި މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ.
މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމުގެ ފަރިތަކުންތައް މިއަދު ހަވީރު ފަށާފައިވާ އިރު، މުބާރާތުގެ ކުރިން ތައިލެންޑުގައި ރާއްޖޭގެ ގައުމީ ޓީމު އެކުވެރިކަމުގެ ހަތަރު މެޗު ކުޅޭން ނިންމާފައި ވާކަމަށް އެފްއޭއެމް އިދާރާގައި މިއަދު އޮތް ނޫސްކޮންފަރެސްގައި ވަނީ އިއުލާންކޮށްފަ އެވެ.
މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.
މިފަހަރުގެ މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.
މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.
ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
ޗެލެންޖް ކަޕުގެ ކުރިން ގައުމީ ޓީމު ފަރިތަކުރުމަށް މަމިޗް އަށް ލިބިފައި ވަނީ ކުޑަ ދުވަސްކޮޅެކެވެ. ރާއްޖެ އައުމަށް ފަހު، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ހުރެ ނޫސްވެރިންނާ ވާހަކަ ދައްކަމުން މީގެ ކުރިން މަމިޗް ބުނީ، އޭއެފްސީ ކަޕުގައި ނިއު ރޭޑިއަންޓާއި މާޒިޔާ ކުޅުނު މެޗުތައް ބެލާނެ ކަމަށާއި ގައުމީ ޓީމު ތައްޔާރު ކުރުމަށް ވަގުތު އެބައޮތް ކަމަށެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 2015 ވަނަ އަހަރުގެ އޭޝިއަން ކަޕުން ފުރުސަތު ލިބޭ މި މުބާރާތަކީ ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތެކެވެ. އެގޮތުން މިމުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.