އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ 1-1 ލަނޑުން އެއްވަރުވެ، އާސެނަލް އަށް ލިބުނު ޕޮއިންޓު މުހިންމު ކަމުގައި އެކްލަބުގެ ފްރާންސް މިޑްފީލްޑަރު ބުނެފި އެވެ.

ސިޓީ އަށް ޑޭވިޑް ސިލްވާ ކާމިޔާބު ކޮށްދިން ލަނޑާ އެކު، އާސެނަލް ބަލިވަމުން ދަނިކޮށް އަމިއްލަ ދަނޑުގައި ކުޅެމުންދިޔަ އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްލެމިނީ އެވެ. ޗެލްސީ އަތުން 6-0 ލަނޑުން ބަލިވި މެޗަށް ފަހު ކުޅުނު ދެ މެޗުން ވެސް އާސެނަލް ވަނީ އެއްވަރުވެފަ އެވެ.

"މި ނަތީޖާ އަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ހިތްހަމަ ޖެހޭ ނަތީޖާއެއް. ޗެލްސީ އަތުން ވީގޮޮތަށް ފަހު، މި ނަތީޖާ އަކީ ޓީމަށް މުހިންމު ނަތީޖާއެއް. އެއްވަރު ކުރުމަށް ފަހު ވެސް އަހަރެމެން އިތުރު ލަނޑެއް ކާމިޔާބުކޮށް، ލީޑު ލިބޭތޯ ވެސް މަސައްކަތް ކުރިން،" ފްލެމިނީ ބުންޏެވެ.

މި ނަތީޖާއާ އެކު އާސެނަލްއާ ލީގުގެ އެއްވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތީ ފަސް ޕޮއިންޓްގެ ތަފާތަކެވެ. ސިޓީ އަތުން އެއްވަރުވުމުން ލީގު ހޯދުމަށް އާސެނަލް އަށް އުނދަގޫތަކަކާއި ކުރިމަތިވާނެ ކަމަށް ފްލެމިނީ ގަބޫލުކުރެ އެވެ.

"އަހަރެމެން ބޭނުންވީ ސިޓީ އަތުން މޮޅުވާން. އެންމެ ފަހު ވަގުތާއި ޖެހެންދެން ވެސް އަހަރެމެން މަސައްކަތް ކުރީ މެޗުން މޮޅުވުމަށްޓަކައި. ނަމަވެސް އަހަރެމެންގެ ނަސީބު ހުރި ގޮތުން އެކަމެއް ނުވި،" ފްލެމިނީ ބުންޏެވެ. "ދެން އަހަރެމެން އަރާމުކުރުމަށް ފަހު، ވިސްނަންވީ ކުރިއަށް އޮތް މެޗާއި ދޭތެރޭ. މިހާރު އޮތް ގޮތުން ލީގު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވާނެ."