30 Mar 2014, 16:07
މާލެއިން ފުރައިގެން ރ. ދުވާފަރަށް ދަތުރުކުރި ބޯޓެއްގައި ހުރި މީހަކު ގެއްލިގެން ހޯދަންފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުން ދަނީ މއ. އަތަރުލާގެ، މުހައްމަދު ޝާނީޒް 36، ކަމަށެވެ.
އޭނާ ގެއްލިފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 8:30ގައި މާލެއިން ފުރައިން ދުވާފަރަށް ދަތުރު ކުރި "ދުވާފަރު" ބޯޓުގައި ހުއްޓަ އެވެ.
އެމްއެންޑީއެފުން ބުނީ ޝާނީޒް އެންމެ ފަހުން ފެނުނީ އެރޭގެ 2:45 ހާއިރު ކަމަށާއި އޭނާ ބޯޓުގައި ނެތްކަން އެނގުނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އެހާކަންހާ އިރު ދުވާފަރަށް ބޯޓު ކައިރިކުރުމުން ކަމަށް ބޯޓުގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ ހެނދުނު 6:00 އެހާކަންހާއިރު އެ އަތޮޅު މާކުރަތުގައި ބޯޓު މަޑުކުރި އިރު ބޯޓުގައި އޭނާ ހުރިކަމެއް ވެސް އަދި ނެތް ކަމެއް ވެސް ފާހަގަ ނުކުރެވޭ ކަމަށް ބޯޓުގެ ކެޕްޓަން މައުލޫމާތު ދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހޯދަމުންދާ ޝާނީޒް އަކީ އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓް ހަ އިންޗި ހުރި މީހެކެވެ. އޭނާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މުށިކުލައިގެ "ސްކިނީ" ޖިންސް އަކާއި ކަޅުކުލައިގެ އަތްދިގު ގަމީހެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.