23 Dec 2010, 10:38
މ. އަތޮޅުގެ އަތޮޅު ކައުންސިލަށް ކުރިމަތިލީ މީހެއްގެ އެޕްލިކޭޝަން ބާތިލު ކުރި މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން އެ އަތޮޅު އަތޮޅު ކައުންސިލަށް ކުރިމަތިލީ މީހުންގެ ނަންތައް ތަރުތީބު ކުރުމަށް ބާއްވާ ގުރުއަތުލުން ފަސް ކުރުމަށް ހައިކޯޓުން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ދެންމެއަކު އަމުރުކޮށްފި އެވެ.
ގުރުއަތުލުން ބާއްވާ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.
ހައިކޯޓުން މި އަމުރު ނެރުއްވެވީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މ. އަތޮޅު، އަތޮޅު ކައުންސިލަށް ކުރިމަތިލި އެޕްލިކޭޝަން ފޯމް ބަލައިގަނެ، ޑޮކިއުމެންޓްތައް ސައްހަ ކަމުގެ ލިޔުން ދީފައި ކެނޑިޑޭސީ ބާތިލު ކުރި ކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑަ އަޅައި ދިނުމަށެވެ.
ހައިކޯޓަށް ހުށަހެޅި މައްސަލައިގައި މި މައްސަލަ ހައިކޯޓުން ވަކި ގޮތަކަށް ނިމެންދެން މ. އަތޮޅު އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަމްބަރު ތަރުތީބު ކުރުމަށް ގުރުއަތު ނެގުން ފަސް ކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދައުވާ ކުރި މ. މާކޯނި އަލީ ނިޝާންގެ ފަރާތުން އެދިފައި ވަނީ ވެސް މި ދައުވާގަ އެވެ.
މި އަމުރު ނެރުއްވެވީ ކޮމިޝަނުން މިއީ ނެރެވޭނެ އަމުރެއް ނޫން ކަމަށް ބުނެ އަދި މި މައްސަލަ ނިޝާން އެދޭ ގޮތަށް ނިމިއްޖެނަމަ ގުރުއަތުގެ ތަރުތީބުން އެންމެ ފަހަތަށް އޮތް ނަމްބަރު ނިޝާނަށް ދޭނެ ކަމަށް ކޯޓުގައި މިއަދު ބުނެފައި ވަނިކޮށެވެ.