30 Mar 2014, 15:47
އާ ގާނޫނު އަސާސީ އަށް އަމަލުކުރަން ފެށި އިރު އަމަލުކުރަމުން އައި ބައެއް ގަވާއިދުތަކާ ގުޅޭ ގާނޫނުތައް ހެދެންދެން، 42 ގަވާއިދަކަށް ގާނޫނީ ބެލެނިވެރިކަން ދިނުމަށް އެކުލަވާލި އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ މުއްދަތު އަނެއްކާ ވެސް އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް މަޖިލީހުގެ ގަވާއިދު ކޮމިޓީން ހުށަހަޅައިފި އެވެ.
އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ބެލެނިވެރިކަން ދީފައިވާ ގަވާއިދުތަކުގެ މުއްދަތު އަނެއްކާ ވެސް އެއް އަހަރު ދުވަހަށް އިތުރު ކުރުމަށް ގަވާއިދު ކޮމެޓީން ފާސްކޮށްފައި މިވަނީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ޖަދުވަލް 1 އަދި 2ގައިވާ ގަވާއިދުތަކުގެ މުއްދަތު އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހަށް ހަމަވާތީ އެވެ.
އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން މިފަހަރު އިތުރު ކުރުމަށް ގަވާއިދު ކޮމެޓީން ނިންމާފައި ވަނީ 42 ގަވާއިދެކެވެ.
ދެ އަހަރުގެ ދުވަހުގެ މުއްދަތަށް، 2008 ވަނަ އަހަރު އެކުލަވާލި އާންމު ގަވާއިދުތަކުގެ ގާނޫނުގެ މުއްދަތު ފުރަތަމަ ހަމަވީ އޮގަސްޓް ،5 2010ގަ އެވެ. ނަމަވެސް އަދި މި ދައުރު ނިމުމުގެ ކުރިން އެ ގާނޫނުގެ ޖަދުވަލުތަކުގައި ހުރި ގަވާއިދުތަކާ ގުޅޭ ގާނޫނުތައް ނުހެދި ހުރުމުން، އެ ގާނޫނުގެ މުއްދަތަށް ތިން ފަހަރެއްގެ މަތިން ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.
އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުން އުނިކޮށްފައި ވަނީ ދެ ގަވާއިދެކެވެ. އެއީ ޕެރޯލް ޕްރޮގުރާމްގެ ގަވާއިދާއި ޖަލުތަކުގެ ގަވާއިދެވެ. އެ ދެ ގަވާއިދު އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުން އުނިކޮށްފައި މި ވަނީ ދިވެހި ރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނެއް ވުޖޫދަށް އައިސް އެ ގާނޫނަށް އަމަލު ކުރަމުން ގެންދާތީ އެވެ.
ރާއްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމެޓީން ހުށަހަޅާފައި ގޮތަށް އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުގެ ދަށުން ގާނޫނީ ބެލެނިވެރިކަން ދީފައިވާ ގަވާއިދުތަކުގެ މުއްދަތު އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށް ދިނުމާ މެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމާނީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.