30 Mar 2014, 15:06
މެއި މަހުގެ 19 ވަނަ ދުވަހު ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް ރާއްޖޭގެ ގައުމީ ޓީމު ތައްޔާރުވުމުގެ ގޮތުން ތައިލެންޑުގައި އެކުވެރިކަމުގެ ހަތަރު މެޗު ކުޅޭނެ ކަމުގައި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ޑައިރެކްޓާ އިފް ނެޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ގައުމީ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް ކުރިއަށް ދާނެ އެވެ. އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ވިދާޅުވީ، އެކުވެރިކަމުގެ މެޗުތައް ހަމަޖެއްސުމަށް ޓަކައި ވަރަށް އަވަހަށް ތައިލެންޑަށް ފުރާނެ ކަމަށެވެ.
"އަޅުގަނޑު ތައިލެންޑަށް ދާނަން މިމެޗުގެ ކަންތައްތައް ހަމަޖައްސަން. ކޯޗު ބޭނުންވާ ގޮތަށް މެޗުތައް ހަމަޖެހިގެން ދާނެ. ތައިލެންޑުގައި ހަތަރު މެޗު ކުޅެފަ ރާއްޖޭގައި އެއް މެޗު ނުވަތަ ދެ މެޗު ކުޅޭނެ. މިހާރު މިނިސްޓްރީއާ ވާހަކަ ދައްކައިގެން ސްޓޭޑިއަމް ހުޅުވުމުގެ ގޮތުން އައްޑު އަތޮޅުގައި ގައުމީ ޓީމު ކޮންމެހެން ވެސް މެޗެއް ކުޅެން އެބަ ޖެހޭ. އެހެންވީމާ އެތަނުގައި މެޗެއް ކުޅޭ ގޮތަށް ވާނީ ހަމަޖައްސައިފައި،" ސުޒޭން ވިދާޅުވި އެވެ.
ތައިލެންޑުގެ އިތުރުން އެކުވެރިކަމުގެ މެޗުތަކެއް އައްޑޫ އަދި މާލޭގައި ވެސް ކުޅޭ ގޮތަށް ހަމަޖައްސައިފަ ވާނެ ކަމަށް ސުޒޭން ވިދާޅުވި އެވެ.
"މާލޭގައި މެއި މަހުގެ ދިހަ ވަނަ ދުވަހު މާލޭގައި މެޗެއް ކުޅެން. ތައިލެންޑުގައި ދެ ދުވަހުން އެއް ދުވަހު ކަހަލަ ގޮތަކަށް ހަތަރު މެޗު ކުޅެފައި މާލެ އަންނާނީ ދިހަ އެއްގައި ކުޅޭ މެޗަށް ތައްޔާރުވާން. އެހިސާބުން އަޅުގަނޑަށް ހީވަނީ ގައުމީ ޓީމަށް ބޭނުންވާ ވަރަށް މެޗުތައް ލިބިފަހެން ހުންނާނީ. ތައިލެންޑުގެ ކްލަބުތައް ކޯޗަށް ވަރަށް ރަނގަޅަށް އެނގޭތީއާ އެއްކޮށް އެ ސްޓްރެންތުގައި އެޓީމުތައް ގައުމީ ޓީމަށް ވުރެ ވަކި ދެރަނުވާނެ ކަމަށް ކޯޗުގެ ވިސްނުން ހުރީ. ތައިލެންޑުގައި ކުޅޭނީ ހަތަރު މެޗު. އޭގެ އިތުރުން އެއް ޓްރެއިނިންގް ނުވަތަ ދެ ޓްރެއިނިންގް ވަރު ކުރިއަށްދާނެ." ސުޒޭން ވިދާޅުވި އެވެ.
ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް މިއަދު ހަވީރު 5:00 ގައި ކުރިއަށް ދާނީ ހެންވޭރު ދަނޑުގަ އެވެ.