އޭއެފްސީ ކަޕަށް ދިވެހި ރާއްޖެ ނުކުންނަ އިރު، ފޭވަރިޓް ޓީމަކީ ކޮބައިތޯ ބަލަން ނުޖެހޭ ކަމަށާއި ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނެރެން ކަމުގައި ގައުމީ ޓީމުގެ ކޯޗު ޑްރާގޯ މަމިޗް ބުނެފި އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް މިއަދު ކުރިއަށް ދާ އިރު، ފަރިތަކުރުންތަކުގައި ބައިވެރިވާނީ އޭއެފްސީ ކަޕުގައި ވާދަކުރާ މާޒިޔާއާ ނިއު ރޭޑިއަންޓްގެ ކުޅުންތެރިން ފިޔަވައި އެހެން ކުޅުންތެރިންނެވެ. އެގޮތުން ގައުމީ ސްކޮޑުގައި ނިއުގެ އެގާރަ ކުޅުންތެރިން ހިމެނޭ އިރު، މާޒިޔާގެ ދިހަ ކުޅުންތެރިން ހިމެނެ އެވެ. މިއަދުގެ ފަރިތަކުރުންތަކުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ބައިވެރިވާނެ އެވެ.

"މިކަހަލަ މުބާރާތަކަށް ނުކުންނަ އިރު، ގްރޫޕްގެ އެހެން ޓީމުތަކާ މެދު ވިސްނުމަކީ ރަނގަޅު ކަމެއް ނޫން. އެއްވެސް މީހަކަށް ނޭނގޭނެ ވާނެ ގޮތެއް. ގްރޫޕް ސްޓޭޖު ފަހަނަ އަޅާ ކޮންމެ ޓީމަކަށް ވެސް ދެވިދާނެ. ބައެއް ފަހަރު މިކަހަލަ މުބާރާތްތަކުގައި ބަލަން ޖެހޭނީ މެޗުގެ ކުރީކޮޅުގައި ރަނގަޅު ނަތީޖާއެއް ހޯދަން. މެޗުގެ ކުރީ ކޮޅުގައި ރަނގަޅު ނަތީޖާއެއް ހޯދިއްޖެ ނަމަ، އެއީ ލިބިގެންދާނެ ބޮޑު އެޑްވާންޓޭޖެއް. ފޭވަރިޓް ޓީމާއި ފޭވަރިޓް ނޫން ޓީމާއި މޮޅު ޓީމަކީ ކޮބައިތޯ ބަލާކަށް ނުޖެހޭ. ބަލަން ޖެހޭނީ އަބަދުވެސް އަމިއްލަ ޓީމާ މެދު." މިއަދު މެންދުރު އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަމިޗް ބުންޏެވެ.

މަމިޗް ބުނީ، ފަރިތަކުރުންތަކުގައި ކުޅުންތެރިންނަށް ހަމަހަމަ ފުރުސަތުތަކެއް ދޭނެ ކަމަށާއި ފަރިތަކުރުންތަކުން ކުޅުންތެރިން ރަނގަޅަށް ދަސްކުރާނެ ކަމަށެވެ.

"މިއަދު ފުޓްބޯޅަ ބިނާވެފައި ވަނީ ރަނގަޅު ޕާސިންގް އަށް. އަހަރެންގެ ފިލޯސަފީއަކީ ހުރިހާ ކުޅުންތެެރިން ވެސް ޓްރެއިން ކުރުން. ފަރިތަކުރުންތަކުގައި އަހަރެން ބަލާނީ ކުޅުންތެރިން ޓެސްޓްކުރަން. ފަރިތަކުރުންތަކުން ކުޅުންތެރިން ޓެސްޓްކޮށް އެ ކުޅުންތެރިންގެ އުކުޅުތައް ބަލާނަން. އޭރުން ކުޅުންތެރިންގެ ބޭނުން ހިފޭނެ ގޮތް ވެސް އެނގޭނެ." ގައުމީ ކޯޗު ބުންޏެވެ.

ރާއްޖޭގައި ކުޅޭ ޗެލެންޖް ކަޕް ފެށެން ކުޑަތަން ވެފައިވާ އިރު، މުބާރާތް ފެށެންވާ އިރަށް، ރަނގަޅު ޓީމެއް އެކުލަވާލެވިދާނެ ކަމަށް ކޯޗު މަމިޗް ގަބޫލުކުރެ އެވެ.

"ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިން ހަމަވެ، ޗެލެންޖް ކަޕް ފެށޭ އިރު، ރަނގަޅު ޓީމެއް ތައްޔާރުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް. އެހެން ގައުމީ ޓީމުތަކުގެ ފަރިތަކުރުން ވެސް ފަށަނީ ލަހުން. މިސާލަކަށް މިޔަންމާގެ ފަރިތަކުރުންތައް ފަށަނީ އޭޕްރިލް ދިހަ އެއްގައި. އެއީ އެމީހުންގެ ގައުމީ ޓީމު ކުޅުންތެރިން ގިނަ ކްލަބުތަކެއްގައި ހިމެނޭތީ. އަންނަ މަހު ތައިލޭންޑުގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެވޭނެ." ކޯޗު ބުންޏެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މަމިޗް ވަނީ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އަށް ތައުރީފް ކޮށްފަ އެވެ.

"އަޝްފާގް އަށް އަހަރެންނަށް ފޯނުން އަބަދުވެސް ގުޅޭ. އެންމެ ފަހުން އޭނާ ކުޅުނު މެޗުން އެ ވަނީ ހެޓްރިކެއް ކާމިޔާބުކޮށްފައި. އެއީ ފަސޭހަކަމެއް ނޫން. މެލޭޝިއާގައި ޕްރިމިއާ ލީގާ ސުޕަ ލީގާ ދެމެދު ބޮޑު ތަފާތެއް ނެތް. އެ ލީގުގައި ދެ ހެޓްރިކް ހެދުމަކީ ފަސޭހަ ކަމަށް ނުވާނެ." މަމިޗް ބުންޏެވެ.

މެއި މަހުގެ 19 ވަނަ ދުވަހު ފަށާ ޗެލެންޖް ކަޕްގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ ފަލަސްތީނު، ކިރްގިސްތާނު އަދި މިޔަންމާ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ފަރިތަކުރުންތައް މިއަދު ހަވީރު 5:00 ގައި ކުރިއަށް ދާނީ ހެންވޭރު ދަނޑުގަ އެވެ.