ބޭރު ދަތުރުކުރާ އާގުބޯޓެއްގައި ދިވެއްސަކު ނިޔާވެއްޖެ އެވެ.

އޭޝިއާ މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން ދުއްވާ ބޯޓެއްގައި ނިޔާވީ ޏ. ފުވައްމުލަކު ސޯސަންގެ އުމުރުން 42 އަހަރުގެ އާރިފު އަހުމަދު ކަމަށް އެކުންފުނިން މިއަދު ބުންޏެވެ.

އާރިފު ނިޔާވީ ގޭސްޓްރިކް މައްސަލަ ޖެހިގެން ބަލި ޗުއްޓީ ނަގައިގެން ބޯޓްގެ ކޮޓަރިއެއްގައި އޮންނަތާ ތިން ދުވަސްވީ ފަހުން ކަމަށް އޭޝިއާ މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑައިރެކްޓަރު އަހުމަދު ނަސީރު މިއަދު ސަން އަށް ވިދާޅުވި އެވެ.
"...ދެން ހަމަ ގުދުރަތީ މަރަކުން އޭނާ ނިޔާވީ. ގޭސްޓްރިކް މައްސަލަ ޖެހިގެން ލީވް ނަގައިގެން ރޫމްގައި އޮންނަތާ ތިން ދުވަސް ވީފަހުން ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާރިފު ނިޔާވީ އޭނާ މަސައްކަތް ކުރަމުން ދިޔަ ބޯޓް ބްރެޒިލުން ފުރައިގެން ޗައިނާ އަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު އޮތީ ޗައިނާގައި ކަމަށާއި ރާއްޖެ ގެނައުމަށް ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.

އަހުމަދުގެ ހަށިގަނޑު ބެލެހެއްޓުމާއި އޭނާ ރާއްޖެ ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގައި ރާއްޖޭގައި ހުރި ޗައިނާ އެމްބަސީގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.