30 Mar 2014, 13:59
ރަށްރަށު ކައުންސިލް ބެލުމުގެ ދަށުގައި އުފައްދާފައިވާ އަންހެނުން ކުރިއަރުވާ ކޮމެޓީތައް އުވާލުމަށް ފަހު ކައުންސިލްތަކަށް ލަފާދޭ ކޮމެޓީތަކެއް އުފައްދަން ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅައިފި އެވެ.
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މާވަށު ދާއިރާގެ މެންބަރު އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު ރައްޔިތުން މަޖިލީހަށް ހުށަހެޅުއްވި ބިލުގައި ބުނެފައި ވަނީ ކައުންސިލްތަކަށް ލަފާއަރުވާނެ ހަތަރު ކޮމެޓީއެއް އުފައްދަން ޖެހޭނެ ކަމަށެވެ. ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި އަށް ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ އެ ހަތަރު ކޮމެޓީއަކީ އަންހެނުން ކުރިއެރުވުމަށް ލަފާދޭ ކޮމެޓީއަކާއި އިގުތިސާދީ ކޮމެޓީއަކާއި އަދި އުމުރާނީ ތަރައްގީ އަށް ލަފާދޭ ކޮމެޓީއެއްގެ އިތުރުން އިޖުތިމާއި ކުރިއެރުވުމަށް ލަފާދޭ ކޮމެޓީއަކާއި ތިމާވެށި ރައްކާތެރި ކުރުމަށް ލަފާދޭ ކޮމެޓީއެއް ކަމަށެވެ.
އަދި އަންހެނުން ކުރިއަރުވާ ކޮމެޓީގެ ހައްގުތަކާއި ފައިސާ ކޮމެޓީ ނިސްބަތްވާ ކައުންސިލަށް ބަދަލުވާނެ ކަމަށާއި ނަމަވެސް އެ ފައިސާއާއި މުދާ ބޭނުންކުރަން ވާނީ އަންހެނުން ކުރިއަރުވުމަށް ލަފާދޭ ކޮމެޓީގެ ލަފާގެ މަތިން ކަމަށްވެސް އެ މާއްދާގައި ވަނީ ބުނެފަ އެވެ.
ހަތަރު ކޮމެޓީއެއް އުފެއްދަން ވާނެ ކަމަށް އެ ބިލްގައި ބަޔާންކޮށްފައިވީ ނަމަވެސް އެހެން ކޮމެޓީތައް ވެސް ލޯކަލް ގަވަރުމަންޓް އޮތޯރިޓީގެ ލަފާގެ މަތިން އުފެއްދިދާނެ ކަމަށް 35 މާއްދާގެ(ށ)ގައި ބުނެފައިވެ އެވެ. އަދި ދާއިމީ ކޮމެޓީތަކުގެ މުއްދަތަކީ އެ ކައުންސިލްގެ ދައުރު ނިމެންދެން ކަމަށް ވެސް އެ ބިލްގައި ފާހަގަކޮށްފައިވެ އެވެ.
ދެހާސް ދިހަ ވަނަ އަހަރު ތަސްތީގުކޮށްފައިވާ ލާމަރުކަޒީ އުސޫލުން ގާނޫނަށް މި ސަރުކާރުގެ ފަރާތުން ގިނަ އިސްލާހްތަކެއް ވަނީ ހުށަހަޅައިފަ އެވެ.