އާތު އަވާގައި މާލެއިން ކަރަންޓު ބޭނުން ކުރާ އަދަދު މަދުކޮށްގެން 2.87 މެގަވޮޓްގެ ކަރަންޓު ސަލާމަތް ކުރެވުނު ކަމަށް އެންވަރަމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިނިސްޓްރީގެ މީޑިއާ ސެކްޝަނުން ބުނީ ރޭ 8:30 އިން 9:30 އަށް ފާހަގަ ކުރި އާތު އަވާގައި މަދުން ކަރަންޓު ބޭނުން ކުރުމުން މިދިޔަ އަހަރަށް ވުރެ ވެސް ބޮޑަށް ކަރަންޓު ސަލާމަތް ކުރެވުނު ކަމަށެވެ.

"މިދިޔަ އަހަރަށް ވުރެ ގިނައިން މިފަހަރު ކަރަންޓު ސަލާމަތް ކުރެވުނު. މިދިޔަ އަހަރު ސަލާމަތް ކުރެވުނީ 1.6 މެގަވޮޓް. ރޭގަ 2.87 މެގަވޮޓް ސަލާމަތް ކުރެވުނު،" މިނިސްޓްރީގެ މީޑިއާ އޮފިސަރަކު ބުންޏެވެ.

ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު އާތު އަވާ ފާހަގަ ކުރި އިރު ދުއްވާ އެއްޗެހި ދުއްވުމުގެ ހުއްދަ އޮތީ ދީފަ އެވެ. ނަމަވެސް އާތު އަވާއާ ގުޅިގެން ހަވާ އެރުވުމާއި އަލިފާނުގެ ހަރަކާތްތަކުގެ އިތުރުން ވެސް ބައެއް އެހެންކަންކަން ކުރިއަށް ގެންގޮސްފައިވެ އެވެ.