30 Mar 2014, 12:30
މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން "ލަބެރަ ބޮޑީ ބޯޑިން ޗެލެންޖް" ގެ ނަމުގައި ރަޅާ އެޅުމުގެ މުބާރާތެއް ފަށައިފި އެވެ.
މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރުވާ ބޮޑީ ބޯޑިން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، މިދިޔަ ހުކުރު ދުވަހު ފެށި މުބާރާތުގައި ޖުމްލަ 25 ރާޅާ އެޅުންތެރިއަކު ވާދަކުރާ ކަމަށާއި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
"މިއީ މިއަހަރުގެ ސީޒަން ހުޅުވުމުން ގޮތުން ބާއްވާ ފުރަތަމަ ބޮޑީ ބޯޑިން މުބާރާތް. މިމުބާރާތުގައި ޖުމްލަ 25 ރާޅާ އެޅުންތެރިން ވާދަކުރޭ. މުބާރާތް ކުރިޔަށްދާނީ ހެންވޭރު ރާޅުގަނޑު ސަރަހައްދުގައި" އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ، މިދިޔަ އަހަރުގެ މުބާރާތުން އެންމެ މޮޅު ހަތް ރާޅާ އެޅުންތެރިންނަށް މިފަހަރުގެ މުބާރާތުން ދެ ވަނަ ބުރުގައި ވާދަކުރުމުގެ ސެމީފައިނަލަށް ދަތުރު ކުރާއިރު މުބާރާތުގެ ފައިނަލަށް ދަތުރު ކުރާނީ ސެމީފައިންގައި ވާދަކުރާ އެންމެ މޮޅު ހަތަރު ރާޅާ އެޅުންތެރިން ކަމަށެވެ.
މުބާރާތުގެ ޗެމްޕިއަންކަން ހޯދާ ރާޅާއެޅުންތެރިއާއަށް 15000ރ.ގެ ފައިސާގެ އިނާމް ހުށައަޅާފައިވާއިރު ދެވަނައަށްދާ ރާޅާއެޅުން ތެރިއާއަށް ދިނުމަށް ހަމަޖެހިފައި ވަނީ 10000ރ.ގެ ފައިސާގެ އިނާމެކެވެ. އަދި ތިން ވަނަ އަށްދާ ރާޅާއެޅުންތެރިޔާއަށް ދިނުމަށް ހަމަޖެހިފައި ވަނީ 5000ރ. ގެ ފައިސާގެ އިނާމް ކަމަށް ވެސް މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.