23 Dec 2010, 10:08
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މ. އަތޮޅު، އަތޮޅު ކައުންސިލަށް ކުރިމަތިލި އެޕްލިކޭޝަން ފޯމް ބަލައިގަނެ، ޑޮކިއުމެންޓްތައް ސައްހަ ކަމުގެ ލިޔުން ދީފައި ކެނޑިޑޭސީ ބާތިކުރި ކުރުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ކަނޑަ އަޅައި ދިނުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.
މި މައްސަލަ ހައިކޯޓުން ވަކި ގޮތަކަށް ނިމެންދެން މ. އަތޮޅު އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަމްބަރު ތަރުތީބު ކުރުމަށް ގުރުއަތު ނެގުން ފަސް ކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ވެސް އެ ދައުވާގައި ހިމަނާފައި ވެއެވެ.
މ. އަތޮޅު, އަތޮޅު ކައުންސިލަށް ކުރިމަތިލެއްވި މ. މާކޯނި އަލީ ނިޝާން މި ދައުވާ ކުރުމުން ހައިކޯޓްގައި މިއަދު ބޭއްވި އިންތިހާބާބެހޭ ޝަކުވާ ބެލުމުގެ މަޖިލީހުގައި އޭނާގެ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ނިޝާންގެ ފަރާތުން އަށެއް ޑިސެމްބަރުގައި ފޯމް ހުށަހެޅުމުން އެޕްލިކޭޝަން ފޯމް ބަލައިގަނެ އެ ފޯމް ސައްހަ ކަމަށް ލިޔުން ދެއްވާފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ޝައްހަ ފޯމެއް ނޫން ނަމަ އެކަން އަންގަންޖެހޭ 48 ގަޑިއިރު ހަމަވެ ދެ ދުވަސް ވީފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑް ކޮޕީއެއް ނިޝާންގެ ފަރާތުން ހުށަހަޅާފައިވާތީ، އޭނާގެ އެޕްލިކޭޝަން ބާތިލު ކޮށްފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ކަމަށެވެ.
ދައުވާގައި އެދިފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އެ ނިންމެވުމަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އޭގެ ސަބަބުން ނިޝާންގެ ހައްގު ގެއްލިފައިވާތީ ކޮމިޝަންސްގެ ނިންމުން ބާތިލް ކޮށްދެއްވުމަށެވެ. މީގެ އިތުރުން އެދިފައި ވަނީ މ. އަތޮޅު ކައުންސިލަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ މެދުގައި ނަމްބަރު ތަރުތީބު ކުރުމަށް ގުރުއަތު ނެގުން ފަސްކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ކޯޓުގައި ބުނެފައި ވަނީ އެދައުވާ އަކީ ބާތިލު ދައުވާއެއް ކަމަށާއި ނިޝާންގެ އެޕްލިކޭޝަން ބާތިލު ކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ނިޝާން އެދޭ ގޮތަށް އޭނާއަށް ފުރުސަތު ދީފިނަމަ އެކަން ވާނީ ގާނޫނު އަސާސީ ބުނާ ހަމަހަމަކަން ގެއްލޭ ޕްރެސީޑެންޓެއް ގާއިމުވުން ކަމަށެވެ. އެހެން ވެއްޖެނަމަ އެންމެނަށް އޮތް އިންތިހާބީ ހަމަހަމަ ކަން ގެއްލޭނެ ކަމަށް ވެސް ބުންޏެވެ. އިލެކްޝަންސް ކޮމިޝަނުން ބުނި މި މައްސަލައިގައި ގުރުއަތުލުން ފަސް ކުރުމަށް ވަގުތީ އަމުރެއް ނެރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުން މިއަދު އަންގާފައި ވަނީ މި މައްސަލައިގެ އަޑު އެހުން ނިމުނީ ކަމަށާއި ގުރުއަތުލުން ފަސް ކުރުމުގެ އަމުރެއް ނެރޭނަމަ މިއަދު ހަވީރު ނެރުއްވާނެ ކަމަށެވެ. ނުނެރޭ ނަމަވެސް އެކަން މިއަދު އަންގާނެ ކަމަށެވެ.