އޭއެފްސީ ކަޕުގެ ގްރޫޕް އެފްގައި އަންނަ އަންގާރަ ދުވަހު އަރޭމާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކުލަބް އިންޑޮނޭޝިއާއަށް ފުރައިފި އެވެ.

އިންޑޮނޭޝިއަށް ފުރުމުގެ ކުރިން މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ، އަރޭމާ މެޗަކީ ވަރަށް މުހިންމު މެޗެއް ކަމަށާއި އެމެޗަކީ ފުރަތަމަ ބުރު ފަހަނަ އަޅާ ދިޔުމަށް މާޒިޔާއަށް މިމުބާރާތުގައި ލިބޭ އެންމެ ފަހު ފުރުސަތު ކަމަށާއި އެމެޗުން މޮޅުވުން ނޫން އެހެން އެއްވެސް ގޮތެއް މާޒިޔާއަށް މިވަގުތު ނެތް ކަމަށެވެ.

"އަރޭމާ މެޗުން މޮޅުވުން ނޫން ގޮތެއް ނެތް. އަމިއްލަ ދަނޑުގައި އަރޭމާ އަތުން ބަލިވިއެއް ކަމަކު އަހަރުމެންގެ އުންމީދުތައް ގެއްލުވައެއް ނުލަން. އަރޭމާ އަކީ ވަރުގަދަ ޓީމެއްކަން ގަބޫލް ކުރަން،" މާޒިޔާގެ ކޯޗް އިންމަ ބުންޏެވެ.

ގަލޮޅު ދަނޑުގައި އަރޭމާއާ ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ ބަލިވީ 3-1 ލަނޑުންނެވެ.

އިންމަ ބުނީ، އަރޭމާއި އާއި ދެކޮޅަށް ނުކުންނައިރު ޓީމުގެ ބިދޭސީ ޑިފެންޑަރު ޒިވްކޯ މިމުބާރަތުގައި ދެ ރީދޫ ކާޑު ދެއްކުމާއި ގުޅިގެން އޭނަ ސަސްޕެންޑްވެފައި ވުމުން އަރޭމާ މެޗުގައި އޭނައަށް ނުކުޅެވޭނެ ކަމަށާއި ޒިވްކޯ ނެތް ތަން ފޫބެއް ދުން ވަރަށް މުހިންމު ކަމަށެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް އެފްގައި މިހާތަނަށް މާޒިޔާއިން ޖުމްލަ ތިން މެޗް ކުޅެފައިވާއިރު، އެޓީމް އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ އެންމެ ފުލުގައެވެ. ގްރޫޕްގެ އެންމެ ކުރީގައި ނުވަ ޕޮއިންޓާއެކު އޮތީ ވިއެޓްނާމްގެ ހަނޯއީ އެވެ. ގްރޫޕްގެ ދެ ވަނަ މަގާމްގައި ހަތަރު ޕޮއިންޓާއެކު އަރޭމާ އޮތްއިރު، ތިން ވަނަ މަގާމްގައި ދެ ޕޮއިންޓާއެެކު އޮތީ ސެލަންގޯރުއެވެ.