30 Mar 2014, 12:22
ރަސްމީ ލިޔުންތަކުގައި ބޭނުންކުރާ ފޮންޓް ބަދަލުކޮށްލައިގެން އަހަރަކު 400 މިލިއަން ޑޮލަރު ސަލާމަތް ކުރެވިދާނެ ކަމަށް 14 އަހަރުގެ ކުއްޖަކު އެމެރިކާ ސަރުކާރުގައި ބުނެފިއެވެ.
އެމެރިކާގެ ޕެންސިލްވޭނިޔާގެ ސްކޫލް ކުއްޖެއް ކަމަށްވާ އުމުރުން 14 އަހަރުގެ ސުވިރް މިރްޗަންޑަނި ބުނީ އެމެރިކާ ސަރުކާރުން ރަސްމީ ލިޔުންތަކުގައި ބޭނުންކުރަމުން އަންނަ ޓައިމްސް ނިއު ރޯމަން ފޮންޓްގެ ބަދަލުގައި ގަރަމޮންޑް ފޮންޓް ބޭނުންކުރަން ފަށައިފި ނަމަ ދެލި ހޭދަ ވާ މިންވަރު 25 އިންސައްތަ މަދުވާނެ ކަމަށެވެ. އެއީ ގަރަމޮންޑް ފޮންޓް އަކީ އަކުރުތައް ހިމަދިގުކޮށް ހުންނަ، ކުލަ މަޑު ފޮންޓް އަކަށް ވުމުން ކަމަށް ސުވިރް މިރްޗަންޑަނި ބުންޏެވެ.
ސުވިރް އަށް މި ހިޔާލު އައީ އެނާގެ ސްކޫލުން ޕްރިންޓް ކުރާ ލީފްލެޓް ތަކުގެ އަދަދު ގިނަވެ، ހަރަދު ކުޑަ ކުރެވޭނެ ގޮތެއް ހޯދުމުގެ ތެރެއިންނެވެ.
ސްކޫލްގައި ދެލި ބޭނުން ކުރާ މިންވަރު ބެލުމަށް ފަހު އެމެރިކާ ސަރުކާރުން ދެލި ބޭނުންކުރާ މިންވަރު ހޯދާފައި ސުވިރް ބުނީ އެމެރިކާގެ ފެޑަރަލް ސަރުކާރުން ގަރަމޮންޑް ފޮންޓް ބޭނުންކުރަން ފަށައިފި ނަމަ އަހަރަކު 136 މިލިއަން ޑޮލަރު ސަލާމަތް ކުރެވިދާނެ ކަމަށެވެ. އަދި ސްޓޭޓް ސަރުކާރުތައް ވެސް އޭގައި ބައިވެރިވެ، ގަރަމޮންޑް ބޭނުންކުރަން ފަށައިފި ނަމަ އިތުރު 234 މިލިއަން ޑޮލަރު ސަލާމަތް ކުރެވޭނެ ކަމަށެވެ.
“ދެއްޔަކީ ފަރަންސޭސި ވިލާތުގައި އުފައްދާ ސެންޓަށް ވުރެ ދެގުނަ އަގުބޮޑު އެއްޗެއް” ސީއެންއެން އަށް ދިން ބަސްދީގަތުމެއްގައި ސުވިރް ބުންޏެވެ.
ސުވިރް މިރްޗަންޑަނި މިހާރު ވަނީ އެނާގެ ހޯދުންތައް “ޖާނަލް އެމަރޖިން އިންވެސްޓިގޭޓާސް” (ޖޭއީއައި) ގައި ޝާއިއު ކުރުމަށް ހުށަހަޅާފައެވެ.
“އަހަރަމެން ވަރަށް ހައިރާންވި. ހަގީގަތުގައި ވެސް އަދުގެ ދުނިޔޭގައި ސުވިރް ގެ ހޯދުންތައް ބޭނުންކުރެވޭތަން އަހަރަމެންނަށް އެބަ ފެނޭ،” ޖޭއީއައި ގެ ބާނީ ސާރާ ފަންހައުސަރ ބުންޏެވެ.
އެމެރިކާގެ ފެޑަރަލް ސަރުކާރުގެ ލިޔުންތައް ޕްރިންޓް ކުރާ “ގަވަރމަންޓް ޕްރިންޓިން އޮފީސް” ގެ މީޑިޔާ އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރ ގެރީ ސަމާސެޓް ވެސް އެއްބަސްވި ގޮތުގައި ސުވިރް މިރްޗަންޑަނި ގެ ހޯދުމަކީ ހަގީގަތުގައިވެސް ހައިރާން ކުރަނިވި ހޯދުމެކެވެ. ނަމަވެސް ސުވިރް ގެ ނެސޭހަތް އަޑުއަހައިފެޑަރަލް ސަރުކާރުގެ ލިޔުން ތަކުގައި ގަރަމޮންޑް ފޮންޓް ބޭނުންކުރަން ފަށާނެ ކަމުގެ އިޝާރާތެއް އެނާ ނުދެއެވެ.