30 Mar 2014, 12:19
ބާސެލޯނާގެ އާޖެންޓީނާ ފޯވަޑް ލިއޮނެލް މެސީއާ އެކު ވާހަކަ އަބަދުވެސް ނިމިގެންދާނީ އެއްގޮތަކަށް ކަމުގައި އެކްލަބުގެ ކޯޗު ޖެރާޑޯ މާޓިނޯ ބުނެފި އެވެ.
ސްޕެނިޝް ލަލީގާގައި ރޭ އެސްޕާނިޔޯލްއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ބާސާ މޮޅުވި މެޗުގައި ވެސް މެސީގެ ލަނޑެއް ފެނިގެން ގޮސްފައި ވެއެވެ. މިލަނޑު މެސީ ކާމިޔާބު ކުރީ ބާސާ އަށް ލިބުނު ޕެނަލްޓީއަކުންނެވެ. ދަނޑު މަތީގައި މެސީ ހުންނަ ކޮންމެ މެޗެއްގައި ވެސް މެސީގެ ޖާދޫ ފެންނާނެ ކަމަށް މާޓިނޯ ގަބޫލުކުރެ އެވެ.
"މެސީ ދަނޑު މަތީ ހުންނަ ނަމަ، ވާހަކަ އަބަދުވެސް ނިމޭނީ އެއްގޮތަކަށް،" އޭނާ ބުންޏެވެ. "މި މެޗުން މޮޅުވުމުން މުހިންމު ވެގެން ދިޔައީ ޑާބީ މެޗަކަށް ވީމަ. މިކަހަލަ މެޗުތަކަކުން މޮޅުވުމަކީ ވަރަށް މުހިންމު ކަމެއް. ކޮންމެ މެޗަކީ ވެސް އުނދަގޫ މެޗެއް،"
މެޗަށް ފަހު ވާހަކަ ދައްކަމުން ބާސާގެ އާޖެންޓީނާ ޑިފެންޑަރު ހާވިއާ މަޝެރާނޯ ބުނީ، މެޗަކުން ޕޮއިންޓެއް ގެއްލިއްޖެ ނަމަ، އެކަމުން ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
"މެޗަކުން އެއްވަރުވެ، ނުވަތަ ބަލިވެއްޖެ ނަމަ، އެކަމުން ގިނަ ދަތިތަކަކާއި ކުރިމަތިލާން ޖެހޭނެ. އެކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭނެ. މިކަހަލަ މެޗުތަކުން މޮޅުވުމުން ޓީމަށް ލެބޭނީ އިތުރު ވަރުގަދަ ކަމެއް. އެސްޕާނިޔޯލްއާ ދެކޮޅަށް ކުޅުނު މެޗަކީ ތަފާތު މެޗެއް،" މަޝެރާނޯ ބުންޏެވެ.
ސްޕެނިޝް ލަލީގާގެ ދެވަނައިގައި އޮތް ބާސާއާ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެމެދު އަދިވެސް އޮތީ އެއް ޕޮއިންޓްގެ ތަފާތެކެވެ. އެތުލެޓިކޯ އަށް 76 ޕޮއިންޓް ލިބިފައިވާ އިރު، ބާސާ އަށް ލިބިފައި ވަނީ 75 ޕޮއިންޓެވެ. 73 ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ރެއާލް މެޑްރިޑެވެ.