30 Mar 2014, 12:08
ހިއުމަން ޓްރެފިކިންގެ މައްސަލައާ މެދު ސަރުކާރުން ދެކެނީ ވަރަށް ސީރިއަސްކޮށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ސްރީލަންކާގެ ސޮލިޑަރިޓީ ސެންޓަރާއި ރާއްޖޭގެ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް ގުޅިގެން ނަސަންދުރަ ޕެލަސް ހޮޓަލުގައި ފެށި ހިއުމަން ޓްރެފިކިންއާ ބެހޭ ބައްދަލުވުމެއް ފަށްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
"... ހިއުމަން ޓްރެފިކިންގެ މައްސަލައާ މެދު ސަރުކާރުން ދެކެނީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި. އަދި އެމައްސަލައަށް އެޑްރެސް ކުރަން ( ހައްލު ހޯދަން މަސައްކަތް ކުރަން ) ސަރުކާރު އޮތީ ފުރިހަމައަށް ތައްޔާރަށް. ޓްރެފިކިން ހުއްޓުވުމަކީ ސަރުކާރުން އެންމެ އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެއް،" ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ހިއުމަން ޓްރެފިކިންގެ މައްސަލަ ހައްލުކުރުމުގައި ރާއްޖޭން މިދިޔަ އަހަރު ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން އެކަމުގައި ގާނޫނީ ގޮތުން އޮތް ހުސްކަން ފޫބައްދާފައި ( ގާނޫނެއް ހަދާފައި)ވާ ކަމަށް ވިދާޅުވިއެވެ. މިއަހަރު އިސްކަންދޭނީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަށް ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
"... މިއަހަރު އަޅުގަނޑުމެން އާމަޒު ހިފާފައި ވަނީ މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރަން. ގާނޫނުތައް ހިންގައި، ހިއުމަން ޓްރެފިކިން ހުއްޓުވުމަށް ޕްރޮގްރާމްތައް ހިންގަން އެހީތެރިވެދޭނެ ނިޒާމުތައް ގާއިމްކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގައި ހިއުމަން ޓްރެފިކިންގެ މައްސަލަ އޮތް މިންވަރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އައިޑެންޓިޓީއާއި ޓްރެވެލް ޑޮކިއުމެންޓްތައް އަތުލުމާއި މުސާރަ ނުދީ ހިފެހެއްޓުން ފަދަ މައްސަލަތައް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ގިނަ ބަޔަކަށް ކުރިމަތިވާކަން ހާމަވެފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ހިއުމަން ޓްރެފިކިންގް ގެ ޝިކާރައަކަށް ވިޔަ ނުދިނުމަށްޓަކައި މިމައްސަލަތަކަށް ވަރަށް އަވަހަށް ހައްލެއް ހޯދަން ޖެހޭ ކަމަށެވެ.
"... ވަރަށް އަވަހަށް ކުރަން ޖެހޭ ކަމެއްގެ ގޮތުގައި މިމައްސަލަތަކަށް ހައްލެއް ހޯދަން ޖެހޭ. ބިދޭސީ މަސައްކަތްތެރިން ހިއުމަން ޓްރެފިކިން ގެ ޝިކާރައަކަށް ވިޔަ ނުދިނުމަށް ޓަކައި،" ސައީދު ވިދާޅުވިއެވެ.
" ކޮންސަލްޓޭޝަން ޓް ޕްރޮމޯޓް ސަބް ރީޖަނަލް ކޮލޭބްރޭޝަން އޮން ކޮމްބެޓިން ޓްރެފިކިން އިން ޕާސަންސް" ގެ ނަމުގައި މިއަދާ މާދަމާ ބާއްވާ ބައްދަލުވުމުގައި ބަންގުލަދޭޝްއާއި ނޭޕާލާއި އިންޑިއާއާއި ސްރީލަންކާއާއި ގަތަރާއި ޔޫއޭއީއާއި އުރުދުންގެ ވަފުދުތައް ބައިވެރިވެއެވެ. ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.