މިހާރުގެ ސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން އެންމެ ބޮޑު ވައުދު ކަމުގައިވާ "ބެޔަސްނުބެޔަސް" ސްކީމްގެ ދަށުން ދޫކުރާ ފައިސާ ތިން ކެޓަގަރީއަކަށް ބަހާލައިގެން ދޫކުރަން ފިޝަރީޒް މިނިސްޓްރީ އިން ނިންމައިފި އެވެ.

އާމްދަނީގެ އިންޝުއަރަންސް ސްކީމްގެ ގޮތުގައި ކޮންމެ މަހަކު މަސްވެރިންނަށް ދޫކުރާ އެ ފައިސާގެ ސްކީމް އިފްތިތާހް ކުރުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ 65 ފޫޓަށްވުރެ މަތީގެ އުޅަނދުތަކަށް 10،000ރ. ދިނުމަށް ހަމަޖެހިފައިވާއިރު، ސްކީމްގައި ބައިވެރިވުމަށް އެ ފަރާތްތަކުން ކޮންމެ މަހަކު ޕްރިމިއަމްގެ ގޮތުގައި 500ރ. ދައްކަން ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 45 ފޫޓާ 65 ފޫޓާ ދެމެދުގެ އުޅަނދުތަކުގައި މަސްވެރިކަން ކުރާ މީހުންނަށް ދިނުމަށް ހަމަޖެހިފައި ވަނީ 5،000ރ. ކަމަށާއި ސްކީމްގައި ބައިވެރިވުމަށް އެފަރާތްތަކުން ވެސް ކޮންމެ މަހަކު ދައްކަންޖެހޭނީ 400ރ. ކަމަށެވެ. އަދި 45 ފޫޓުން ދަށުގެ އުޅަނދުތަކަށް 3،500ރ. ދިނުމަށް ހަމަޖެހިފައިވާއިރު ސްކީމްގައި ބައިވެރިވުމަށް އެފަރާތްތަކުން ދައްކަންޖެހޭނީ މަހަކު 350ރ. ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިގޮތަށް މި ނިންމީ ހަމަ ގައިމުވެސް 65 ފޫޓުގެ އުޅަނދެއް ގެންގުޅޭ މަސްވެރިޔަކާ 45 ފޫޓުން ދަށުގެ މަސްވެރިއެއް ގެންގުޅޭ އުޅަނދަށް އެބޭފުޅުން ކުރައްވަން ޖެހޭ ހަރަދު ވަރަށްބޮޑަށް ނުބައްދަލުވާނެ. އެހެންވެ އެކަމަށްވެސް ބަލާފަ މިގޮތަށް ކެޓަގަރައިޒް ކޮއްލީ،" މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ބަޖެޓްގެ ބޭރުން އިންވެސްޓް ކޮށްގެން ފައިދާތަކެއް ނެރެގެން ކުރިޔަށް ގެންދާ ސްކީމަކަށް ވާތީ ކޮންމެ މަސްވެރިޔަކުވެސް ސްކީމްގައި ބައިވެރިވާއިރު ޕްރިމިއަމްގެ ގޮތުގައި މަހުންމަހަށް ދައްކާ ދައްކަންޖެހޭ ފައިސާ މުޅި އަހަރަށް އެއްކޮށް ދައްކަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައިނީ ވިދާޅުވީ އެ ސްކީމްގެ ދަށުން ފައިސާ ދޫކުރާއިރު އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފިޔަ ނުދިނުމަށްޓަކައި ގިނަ ކަންތަށްތަކެއް ޕްލޭން ކުރެވިފައި ވާކަމަށެވެ. އެގޮތުން އެމަޖެންސީ ލީވް އަށާއި އެހެނިހެން އިނާޔަތް ތަކަށް 90 ދުވަސް ކެނޑުމަށްފަހު ހަފްތާއަކު މަދުވެގެން ހަތަރު ދުވަހު މަހަށް ފުރަންޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ އަހަރަކަށް ބަލާނަމަ 190 ދުވަހެވެ.

އެ ސްކީމްގައި އޮޑިވެރިޔާގެ ދައުރު ވަރަށް ބޮޑުވާނެ ކަމަށާއި ރަޖިސްޓްރީކުރުމަށް ހުށަހަޅާ ފޯމްތައް ހުށަހަޅަންޖެހޭނީ އޮޑިވެރިޔާގެ ނަމުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ސްކީމްގައި ބައިވެރިވާ ކޮންމެ އުޅަނދެއްގައި "ވެސަލް ލޮކޭޓިންގ ޑިވައިސް" ހަރުކުރަން ޖެހޭނެ ކަމަށާއި އެ ޑިވައިސް މެދުވެރިކޮށް ދޯނިތައް ބަރާބަރަށް މަހަށް ފުރަމުން ގެންދޭތޯ މިނިސްޓްރީން ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްކީމްގައި ބައިވެރިވާން އެދޭ ފޯމް ފިޝަރީޒް މިނިސްޓްރީ އިންނާއި އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ އެވެ.