ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން ފިޔަވައި ދެން ތިއްބަވާ މެންބަރުންނަށް މަހު މުސާރަ ދިނުމުގެ ބަދަލުގައި ކައުންސިލް ޖަލްސާތަކުގައި ބައިވެރިވުމުން އެލަވަންސްއެއް ދިނުމަށް ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން އިސްލާހެއް ހުށަހަށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ފޮނުވާފައި ވަނީ ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ. އޭނާ ވަނީ ލާމަޒުކަޒީ އުސޫލުން ރަށްތައް ހިންގުމުގެ ގާނޫނަށް ގިނަ އިސްލާހުތަކެއް ހުށަހަޅައިފަ އެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 120 ވަނަ މާއްދާ އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައި ވަނީ ކައުންސިލްގެ ރައީސް އާއި ނައިބު ރައީސަށް ލިބޭނީ މަހު މުސާރަ ކަމަށާއި ކައުންސިލް އެހެން މެންބަރުންނަށް ލިބޭނީ އެ މެންބަރުން ހާޒިރުވާ ކައުންސިލު ބައްދަލުވުންތަކަށް ދޭ އެލެވަންސްއެއް ކަމަށެވެ. އަދި އެ މުސާރަ އާއި އެލެވަންސް ކަނޑައަޅާނީ ރައްޔިތުންގެ މަޖީލީހުން ކަމަށާއި ކައުންސިލްގެ ރައީސާއި ނައިބު ރައީސް ޖަލްސާތަކުގައި ބައިވެރިވާތީ ވަކި ހާއްސަ އެލަވަންސްއެއް ދީގެން ނުވާނެ ކަމަށް ވެސް އެ އިސްލާހްތަކުގައި ބުނެފައިވެ އެވެ.

މިހާރު އަމަލުކުރަމުންދާ ލާމަޒުކަޒީ ގާނޫނުގެ ދަށުން ރަށު ކައުންސިލްގެ ރައީސަށް 3000 ރުފިޔާގެ އެލަންވަންސާ އެކު 15،000 ރުފިޔާ ލިބެ އެވެ. އަދި ކައުންސިލްގެ ނައިބު ރައީސަށް 2،500 ރުފިޔާގެ އެލަވަންސާ އެކު 12،000 ރުފިޔާ ލިބެ އެވެ. އޭގެ އިތުރުން އާންމު ކޮންމެ މެންބަރަކަށް 2000 ރުފިޔާގެ އެލަވަންސާ އެކު 11،000 ރުފިޔާ ލިބެ އެވެ.