30 Mar 2014, 11:02
ވޮޝިންޓަން (މާޗް 30) : އިންޓަނެޓްގެ ޚިދްމަތްތަކަށް ފާރަލުމަށް އެމެރިކާ ހިންގަމުންގެންދާ ޖާސޫސީ ހަރަކާތްތަކުގެ ސަބަބުން އީ މެއިލް މިހާރު ބޭނުން ނުކުރައްވާ ކަމަށް އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ޖިމީ ކާޓާ ވިދާޅުވެއްޖެ އެވެ.
އޭބީސީ ނިއުޒް އަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ ބޭރުގެ ފަރާތްތަކަށް ފޮނުވަން ޖެހޭ މުހިއްމު ސިޓީތައް އޭނާ މިހާރު ފޮނުއްވަމުން ގެންދަވަނީ ފޯސްޓް މެދުވެރިކޮށް ކަމަށާއި އީ މެއިލް މެދުވެރިކޮށް ނޫންކަމުގަ އެވެ. ކާޓާ ވިދާޅުވީ އޭނާ ކުރައްވާ ފޯންކޯލްތަކާއި ފޮނުއްވާ އީ މެއިލްތައް ވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކުން އަޑުއަހައި އަދި ބަލާނެކަމަށް ދެކެވަޑައިގަންނަވާތީ ހައްސާސީ އެއްވެސް މުއާމަލާތެއް އިންޓަނެޓްއާއި ފޯން މެދުވެރިކޮށް މިހާރު ނުކުރައްވާ ކަމުގަ އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން އެމެރިކާގެ ރައްޔިތުންގެ ފޯންކޯލްތައް އަޑުއަހައި ރެކޯޑްކުރުމުގެ އިތުރުން އިންޓަނެޓް ބޭނުންކޮށްގެން އެމެރިކާގެ ރައްޔިތުން ހިންގާ މުއާމަލާތްތައް ވެސް ސިއްރިޔާތުގައި ބަލައި އަޑުއެހުމުގެ ކަންތައް އެއިދާރާތަކުން ކުރަމުންގެންދާކަން ވަނީ ބޭޒާރުވެފަ އެވެ. މީގެ އިތުރުން ދުނިޔޭގެ އެތައް ގައުމެއްގެ ރައްޔިތުންނާއި ވެރިން ހިންގާ މިފަދަ މުއާމަލާތްތަކަށް ވެސް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ފާރަލައި ޖާސޫސުކުރަމުން ގެންދާކަން ދާދިފަހުން ވަނީ ބޭޒާރުވެފަ އެވެ.
ކާޓަރުގެ ވާހަކާގައި އެމެރިކާގެ ޖާސޫސީ ސިޔާސަތުތަކަށާއި ހަރަކާތްތަކަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. (އޭޕީ)