މެލޭޝިއާ އެއާލައިންސްގެ ފްލައިޓް ހޯދުމުގެ މަސައްކަތް ކުރަމުންދާ އިރު، އޭގެ ތެރޭގައި މަސްވެރިކަމަށް ބޭނުންކުރެވޭ އެއްޗެހިތަކެއް ވެސް ހުރި ކަމަށާއި ނަމަވެސް އަދި އެއީ ކޮން އެއްޗެހިތަކެއްކަން މުޅިން ކަށަވަރު ނުވާ ކަމުގައި އޮސްޓްރޭލިއާގެ މެރިޓައިމް އޮތޯރިޓީން ބުނެފި އެވެ.

އޮސްޓްރޭލިއާގެ ޕާތުގެ 1850 ކިލޯމީޓަރު (1150 މައިލްސް) އިން އެކި ކުލަ ކުލައިގެ އެއްޗެހިތަކެއް ފެނުމުން އެ ގައުމުން ވަނީ އެއީ ކޮން އެއްޗެހިތަކެއްތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ.

"އިއްޔެ ފެނުނު އެއްޗެހިތަކުގައި މަސްވެރިކަމަށް ބޭނުންކުރެވޭ އެއްޗެހިތަކެއް ވެސް އެބަހުރި. ނަމަވެސް އަދި މުޅިން ކަށަވަރެއް ނުވޭ. އެއީ ކޮން އެއްޗެހިތަކެއް ކަން، އެކަން ކަށަވަރު ވާނީ އެތަނަށް ދަތުރުކުރި ބޯޓުތަކުން ދޭ މައުލޫމާތުތަކުން." އޮސްޓްރޭލިއާގެ މެރިޓައިމް އޮތޯރިޓީން ބުންޏެވެ.

މިކަމާ ބެހޭ ގޮތުން މެލޭޝިއާގެ ޑިފެންސް މިނިސްޓަރު ހިޝާމުއްދީން ހަސަން ވިދާޅުވީ، އިއްޔެ ފެނުނު އެއްޗެހިތަކަކީ ފްލައިޓްގެ ބައިތައް ކަމުގައި ކަށަވަރުވާނީ ލިބޭ ރިޕޯޓްތަކަށް ބެލުމުން ކަމަށެވެ.

"އެއީ ފްލައިޓްގެ ބައިތަކެއް ނޫން ކަމަށް ބެލެވޭނީ ރިޕޯޓްތައް ބެލުމަށް ފަހު. ރިޕޯޓްތަކަށް ބެލުމަށް ފަހު ނޫނީ އަހަރެމެންނަށް ގޮތެއް ނުނިންމޭނެ. އެ ރިޕޯޓުން އަހަރެމެންނަށް އަލި ކަމެއް ވެސް ފެނިދާނެ." ފްލައިޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާ މެންބަރުންތަކަކާއި ބައްދަލު ކުރުމަށް ފަހު ހިޝާމުއްދީން ވިދާޅުވި އެވެ.