ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ގެންދިޔަ މީހަކު ޖަސްޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާ އިން ފުންމާލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ މުއްދަތު އިތުރުކުރުމަށް ރޭ އެ ކޯޓަށް ހާޒިރުކޮށްފައި ވަނިކޮށް ކޯޓުގެ ކުޑަދޮރު ހުޅުވައި ބޭރަށް ފުންމާލާފައި ވަނީ ގއ.ދެއްވަދޫ މާޖެހިގޭ ހަސަން ނާޝިދު ކަމަށެވެ.

އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި ކަމަށާއި އޭނާގެ ބަންދުގެ މުއްދަތު ފަސް ދުވަހަށް އިތުރުކޮށްފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.

މަނިކު ވިދާޅުވީ ކުޑަދޮރުން އޭނާ ފުންމާލުމާއެކު ވަގުތުން ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ.