ކުއާލަލަންޕޫރު (މާޗް 30) : ގެއްލިފައިވާ މެލޭޝިޔާގެ މަތިންދާބޯޓުން ދަތުރުކުރި މީހުންނަށް ވީގޮތަކާ ބެހޭ ގޮތުން އެމީހުންގެ އާއިލާތަކުގެ މީހުން މެލޭޝިޔާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރަމުން ގެންދާކަމަށް ޚަބަރު ލިބިއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ގެއްލިފައިވާ ފްލައިޓް "އެމްއެޗް 370" އިން ދަތުރުކުރި ޗައިނާ ފަސިންޖަރުންގެ އާއިލާތަކުގެ މީހުން ވަނީ އެ މީހުންގެ ގާތްތިމާގެ މީހުންނަށް ވެފައިވާ ގޮތެއް ސާފުކުރުމަށް ޓަކައި މިހާރު މެލޭޝިޔާ އަށް އައިސް މެލޭޝިޔާ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ސުވާލުކުރަން ފަށައިފަ އެވެ. މީގެ އިތުރުން އެ ފްލައިޓުން ދަތުރުކުރި މެލޭޝިޔާގެ ފަސިންޖަރުންގެ ގާތްތިމާގެ މީހުން ވެސް އެ މީހުންގެ އާއިލާ އަށް ވެފައިވާ ގޮތެއް ސާފުކުރުމުގެ ގޮތުން މެލޭޝިޔާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކާ ސުވާލުކުރަމުން ގެންދާކަމަށް ވެ އެވެ. މިސުވާލުތަކަށް އެކަށީގެންވާ ޖަވާބެއް ލިބެމުންނުދާތީ މެލޭޝިޔާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާގާ ބައްދަލުކުރުމަށް ވެސް އެމީހުން އެދެމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ.
މެލޭޝިޔާގެ ކުއާލަލަންޕޫރުން ފުރައިގެން ޗައިނާގެ ބެއިޖިން އަށް ދަތުރުކުރަނިކޮށް މިމަހުގެ 8 ވަނަ ދުވަހު ގެއްލުނު ފްލައިޓް އިންޑިޔާ ކަނޑުގެ ދެކުނުގެ ހިސާބަކަށް ވެއްޓިފައިވާކަން މެލޭޝިޔާ އިން ކަށަވަރުކޮށްދީފައި ވަނީ މިދިޔަ ހަފްތާގަ އެވެ. މިއާ އެކު އެފްލައިޓުން ދަތުރުކުރި 239 މީހުން މަރުވެފައިވާ ކަމަށް ބަލައި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔާފައިވީ ނަމަވެސް ނަމަވެސް އެފްލައިޓް ވެއްޓެން ދިމާވި ސަބަބުތަކާއި ފަސިންޖަރުން މަރުވިގޮތާއި އެމީހުންގެ ހަށިތަކަށް ވީގޮތެއް ވެސް މެލޭޝިޔާ ސަރުކާރަށް ބުނެދެވިފައެއް ނުވެ އެވެ. ގެއްލިފައިވާ އެފްލައިޓްގެ ބައިތައްކަމަށް ބެލެވޭ ބައެއް ތަކެތި ކަނޑުމަތީގައި ވަނިކޮށް އޮސްޓްރޭލިޔާ އާއި ޗައިނާގެ ކަނޑުގެ ބައެއް މަނަވަރުތަކުންވަނީ ނަގައިފަ އެވެ. ނަމަވެސް އެތަކެތި ޓެސްޓު ކުރުމަށް ފަހު އެއީ ގެއްލިފައިވާ ބޯޓުގެ ބައިތައްކަން އަދި ކަށަވަރުވެފައެއް ނުވެ އެވެ.

ގެއްލިފައިވާ ބޯޓުގެ ބައިތައް ހޯދުމަށްޓަކައި އިންޑިޔާ ކަނޑުގެ ދެކުނުގެ އޮސްޓްރޭލިޔާގެ ކައިރީގައިވާ ބައެއް ސަރަހައްދުތަކުގައި އަށް މަތިންދާބޯޓާއި އަސްކަރީ ބައެއް މަނަވަރުތައް މިހާރު ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. މެލޭޝިޔާގެ ޓްރާންޕޯޓް މިނިސްޓަރު ހިޝާމުއްދީން ޙުސައިން ވަނީ ގެއްލިފައިވާ ބޯޓުގެ ފަސިންޖަރުންނާއި ފަޅުވެރިންނަށް ވީގޮތެއް އެނގެންދެން އެބޯޓު ހޯދުމުގެ މަސައްކަތް ހުއްޓާނުލާނެ ކަމުގެ ޔަގީންކަން އެމީހުންގެ އާއިލާތަކަށް ދެއްވާފަ އެވެ. (ނޫސްއެޖެންސީތައް)