ސިއްހީ ހިދުމަތްދޭ ކުލިނިކްތަކުގެ ތެރެއިން ހެލްތު މިނިސްޓްރީގެ މިންގަނޑުތަކަށް ނުފެތުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް 10 "ކުލިނިކެއް" ބަންދު ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.


އެ މިނިސްޓްރީގެ ޕާސަނަލް އެސިސްޓެންޓް ޓުދަ މިނިސްޓާ މުހަންމަދު މުޝްރިފު މިއަދު ވިދާޅުވީ އެ މިނިސްޓްރީން އިންސްޕެކްޓް ކުރުމުގައި ކަނޑައެޅިފައި އޮންނަ މިންގަނޑުތަކާ ހިލާފަށް ހުންނަ ކަމަށް ފާހަގަކުރެވޭ ތަންތަނަށް ދީފައިވާ ހުއްދަ ބާތިލު ކުރަނީ އެކަންކަން އިސްލާހު ކުރުމަށް ތިން ފަހަރެއްގެ މަތިން ފުރުސަތު ދިނުމަށް ފަހު އިސްލާހު ނުކުރާ ނަމަ ކަމަށެވެ.


"އަޅުގަނޑުމެން ފުރަތަމަ ޗެކް ކުރާނީ. ދެން އަޅުގަނޑުމެން އިސްލާހުކުރަން އަންގާނީ. ހަމަ ހުރެފައި ބަންދުކުރަނީކީ ނޫން. އަޅުގަނޑު މެން ތިން ފަހަރު އިންސްޕެކްޓް ކޮށްފައި ބަންދު ކުރަން މި އަންގަނީ،" މުޝްރިފް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ސިއްހީފަރުވާދޭ ތަންތަން ހިންގުމަށް ހުއްދަދެނީ “އޯލްޓަނޭޓިވް މެޑިސިން”އާއި “ޓްރޭޑިޝަނަލް މެޑިސިންގެ” ހިދުމަތް ދިނުމަށް ކަމަށެވެ.


އަލްޓަނޭޓިވް މެޑިސިންއަކީ ގަދީމީ ބޭސްވެރިކަން ފިޔަވައި އެހެނިހެން ސިއްހީ ހިދުމަތްތައް ފޯރުކޯށްދިނުމަށްދޭ ހުއްދައެއް ކަމަށާއި ޓްރޭޑިޝަނަލް މެޑިސިން އަކީ ހަމަ އެކަނި ދިވެހި ބޭސްވެރިކަން ކުރުމަށް ދެވޭ ހުއްދައެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.  


މުޝްރިފް ވިދާޅުވީ ބައެއް ފަރާތްތަކުން ހުއްދަ ބާތިލް ކުރުމަށްފަހުގައި ވެސް ހިދުމަތް ދެމުން އަންނަ ކަން ފާހަގަ ކުރެވިފައިވަތީ އެ މައުލޫމާތު މިހާރު ފުލުހުންނާ ވެސް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.


"އަޅުގަނޑު މެން އާންމުކޮށް އިއުލާން ކުރާނެ ހުއްދަ ބާތިލް ކުރާ ތަންތަން. ކެޒެޓުގައި އާންމުކޮށް އެގެން  އޮންނާނެ. އަޅުގަނޑުމެން ފުލުހުންނަށް ވެސް އެ މައުލޫމާތު ދެން އެބަ މިހާރު."